މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ސައުދީގެ ކްލަބަކުން އޭނާ ފެނިދާނެ ކަމަށް ބެލްޖިއަމްގެ ހުނަރުވެެރި މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފިއެވެ.

ޑިބްރޭނާ މިހެން ބުނީ އެޗްއެލްއެން ސްޕޯޓްއަށް ދިން އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި ވާހަކަދައްކަމުން ޑިބްރޭނާ ބުނި ގޮތުގައި ސިޓީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ސައުދީގެ ކްލަބަކަށް ސޮއި ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

"އަހަރެންގެ އުމުރުގައި ވިސްނަން ޖެހޭ ބައިވަރު ކަންކަން އެބަހުރި. ސައުދީ ކްލަބުތަކުން ބޮޑެތި މުސާރަ އަހަންނަށް އެބަ ހުށައަޅާ. ޔޫރަޕުގެ ކްލަބެއްގައި ފަނަރަ އަހަރު ކުޅުނަސް ނުލިބޭނެހާ ގިނަ ފައިސާ. ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓަށް އަދި އެއް އަހަރު އެބައޮތް. އެއް އަހަރަކީ އަހަރެންގެ ކުރިމަގާ މެދު ގޮތެއް ނިންމަން ރަނގަޅު މުއްދަތެއް" އެޗްއެލްއެންއަށް ދިން އިންޓަވިއުގައި ޑިބްރޭނާ ބުންޏެވެ.

ސިޓީ ދޫކޮށްލަން ބޭނުންވާ ފަދަ ގޮތަކަށް ޑިބްރޭނާ ދެއްކި ވާހަކަތަކުން އެތައް ބަޔަކު އަންނަނީ, ސިޓީއާ ދެކޮޅަށް ހުށައަޅާފައިވާ 115 ތުހުމަތުތަކުގެ ކޯޓު އަޑު އެހުމުގެ ކުރިން ޑިބްރޭނާ އެ ކްލަބު ދޫކޮށްލަން އުޅެނީ ކަމަށް ބުނަމުންނެވެ. ސިޓީއާ ދެކޮޅަށް ހުށައަޅާފައިވާ 115 ތުހުމަތުގެ ކޯޓު އަޑު އެހުން މި އަހަރުގެ ނޮވެންބަރު މަހަށް ތާވަލު ކޮށްފައިވާ އިރު, މި ތުހުމަތުތައް ސާބިތު ވެއްޖެ ނަމަ ސިޓީ ޕްރިމިއާ ލީގުން ރެލިގޭޓް ކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ.