ފުލުހުން އިންތިޒާމް ކޮށްގެން ގއ. ކޮލަމާފުށީގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ, ރަށްރަށުގައި ކުށް މަދު އަމާން ވެށްޓެއް ގާއިމުކޮށް, ރައްޔިތުން ހޭލުންތެރި ކުރުވުމަށް ޓަކައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ކޮލަމާފުށީ ޕޮލިސް ސްޓޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވަނީ ވައްކަމާއި މަކަރާއި ހޯލަތުން ފައިސާ ހޯދަން މީހުން ބޭނުން ކުރާ އުކުޅުތަކާ ބެހޭ ގޮތުން ކޮލަމާފުށީގެ ރައްޔިތުންނަށް މައުލޫމާތު ދީފައެވެ. މި އުކުޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން މި ކަހަލަ ކުށްތަކުން ރައްކާތެރި ވާނެ ގޮތްތަކަށް ވެސް ފުލުހުން ވަނީ ރައްޔިތުންނާ ހިއްސާ ކޮށްފައެވެ.
ކޮލަމާފުށީގެ އިތުރުން އެހެން ރަށްރަށުގައި ވެސް ފުލުހުން އަންނަނީ މަކަރާއި ހީލަތުގެ މައްސަލަތަކާ ބެހޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ގޮތުން ސިލްސިލާކޮށް ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. ފުލުހުންގެ ބޭނުމަކީ, ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ފޭރިގަންނަ ފަރާތްތަކަށް އާއްމު ރައްޔިތުން ހޭލުންތެރިކޮށް, އެ ފަދަ ކުށްތަކުން އާއްމު ރައްޔިތުން ރައްކާތެރި ކުރުމެވެ.
(މައުލޫމާތު / ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް)