ނަޕޯލީގެ ކޯޗުކަމުގެ މަގާމަށް އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އައްޔަނު ކޮށްފިއެވެ.
އިތުބާރުހުރި ޖާނަލިސްޓް ސޯޝަލް މީޑިއާއަށް އާއްމު ކުރި ޕޯސްޓެއްގައި ވަނީ ނަޕޯލީގެ ކޯޗު ކަމުގެ މަގާމަށް ކޮންޓޭ އައްޔަނު ކުރި ކަން ޔަގީން ކޮށްދީފައެވެ.
ކޮންޓޭ, ނަޕޯލީގެ ކޯޗު ކަމުގެ މަގާމާ ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ މަތިންނެވެ. ނަޕޯލީއިން ވަނީ އެ ކްލަބުގެ ތާރީހުގައި ކޯޗަކަށް ދޭ އެންމެ މަތީ މުސާރަ ކޮންޓޭއަށް ހުށައަޅާފައެވެ. އެއާއެކު ކޮންޓޭ ވެގެންދާނީ އިޓާލިއަން ސެރިއާގައި މި ވަގުތު އެންމެ ބޮޑު މުސާރަ ލިބޭ އެއް ކޯޗަށެވެ.
ނަޕޮލީއިން ކޮންޓޭ ގެނައީ މި ދިޔަ ސީޒަނުގެ ފަހު ކޮޅުގައި އެ ކްލަބުގެ ވަގުތީ ކޯޗުގެ ގޮތުގައި ހުރި ފްރެންޗެސްކޯ ކަލްޒޯނާގެ ބަދަލުގައެވެ. ކަލްޒޯނާއަކީ މި ދިޔަ ސީޒަނުގައި ނަޕޯލީގެ ތިން ވަނަ ކޯޗުކަން ފާހަގަކޮށްލަން ޖެހެއެވެ. ކަލްޒޯނާގެ ކުރިން ވޯލްޓާ މަޒާރީ އަދި ރުޑީ ގާސިއާ ވަނީ ނަޕޯލީއަށް ކޯޗު ކޮށްދީފައެވެ. ނަމަވެސް އެ ތިން ކޯޗަށް ވެސް ނަޕޯލީއާއެކު ރަނގަޅު ނަތީޖާ އެއް ނެރެވިފައެއް ނުވެއެވެ.
ކޮންޓޭއަކީ މީގެ ކުރިން ޗެލްސީ, ޔުވެންޓަސް އަދި ޓޮޓެންހަމަށް ކޯޗުކަން ކޮށްދީފައިވާ ފަރާތެކެވެ. ގިނަ ބަޔަކު ލަފާ ކުރާ ގޮތުގައި ކޮންޓޭއަކީ ނަޕޯލީ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކޮށްދޭނެ ފަރާތެވެ. މި ދިޔަ ސީޒަނުގައި 10 ވަނައިގައި ލީގު ނިންމާލި ނަޕޯލީގެ ނަސީބު އަނބުރާލުމަކީ ކޮންޓޭ ފަދަ ތަޖުރިބާކާރު ކޯޗަކަށް ނުވާނެ ކަމެއް ނޫނެވެ.