އިޒްރޭލުގެ ޕާސްޕޯޓު ހުއްދަކުރުމުން ނޫނީ ދިވެހިރާއްޖެއަށް އެމެރިކާގެ އެހީ ފޯރުކޮށްދިނުން މަނާ ކުރުމަށް އެމެރިކާގެ ކޮންގްރެސްއަށް ބިލެއް ހުށައެޅުމަށް ނިންމައިފިއެވެ.
މި ބިލު ހުށައަޅަން ނިންމާފައިވަނީ, އިޒްރޭލުގެ އަނިޔާވެރި ސަރުކާރުގެ ދިފާއުގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އިހްތިޖާޖު ކުރާ, އެމެރިކާގެ ކޮންގްރެސްގެ މެމްބަރެއް ކަމުގައިވާ ޖޯޝް ގޮތެއިމާއެވެ. މި ބިލަށް ކިޔުމަށް ނިންމާފައިވަނީ ޕްރޮޓެކްޓިން އެލައިޑް ޓްރެވެލް ހިއާ (ޕީއޭޓީއެޗް) އެކްޓް އެވެ.
މި ބިލާ ބެހޭ ގޮތުން ގޮތެއިމާ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭއިން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުން އެކަމަށް ވަރަށް ފާޑު ކިޔާފައެވެ. ގޮތެއިމާ ވަނީ ރާއްޖެ ކަހަލަ ޔަހޫދީންނަށް ނަފްރަތު ކުރާ ގައުމަކަށް އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ފޮނުވިގެން ނުވާނެ ކަމަށް ބުނެފައެވެ.
"އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ރާއްޖެއަށް ފޮނުވިގެން ނުވާނެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރީ ރާއްޖެއިން ޔަހޫދީންނަށް ކުރާ ނަފްރަތުން. އެމެރިކާގެ ފަރާތުން އެހީގެ ގޮތުން އެންމެ ލޯ ލާރިއެއް ވެސް ދީގެން ނުވާނެ ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު ހުއްދަ ނުކުރާހާ ހިނދެއްގައި" ގޮތެއިމާގެ ބަޔާނުގައި އޭނާ ބުންޏެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހަށް ފަހު އިޒްރޭލުން ފަލަސްތީނުގައި ފެށި ގަތުލުއާއްމުގެ ސަބަބުން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރި ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ.
ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާއެކު އެތައް ބަޔެއްގެ ތައުރީފު ވަނީ ރާއްޖެއަށް ރައްދުވެފައެވެ. ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ އިޒްރޭލާ ދެކޮޅަށް ރާއްޖެއިން އެޅި ފިޔަވަޅުގެ ސަބަބުން އެ މީހުންގެ ހިތުގައި ރާއްޖެއަށް އޮންނަ ގަދަރު އިތުރު ވެއްޖެ ކަމަށް ހާމަކޮށްފައެވެ.