ތަފާތު ދާއިރާތަކުން ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ‘ހުނަރު’ ޕްރޮގްރާމްގެ ދަށުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ހަތް ދާއިރާއަކުން ތަމްރީނުވުމަށް ފުރުސަތުތަކެއް ހުޅުވާލާ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ 6 މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ނެޝަނަލް ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭއިރު އެއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރާ ސެޓްފިކެޓް ކަމަށެވެ.
މީގެ އިތުރުން ހަ މަސްދުވަހުގެ ޕްރޮގްރާމަށް ފަހު، ފުރުސަތު އޮތް މިންވަރަކުން، ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް؛ ގްރޭޑް 10 ނިންމާފައިވާ ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށާއި ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
- ކޮމްޕިއުޓަރ ހާޑްވެއަރ އެންޓް ނެޓްވޯކިން
- ހެލްތް އެންޑް ސޭޕްޓީ އިން ކޮންސްޓްރަކްޝަން
- ފްރަންޓް އޮފީސް
- ގާޑްނިން
- ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޒަން
- މޭސަންރީ
- އިލެކްޓްރިކަލް އިންސްޓޮލޭޝަން
އެ ކުންފުނިން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރާއްޖޭގައި ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާ ނިސްބަތް މަދުކުރުމަށާއި، ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމުގެ ބޭނުމުގަ އެވެ.
މި ޕްރޮގްރާމަކީ އެޗްޑީސީއާއި، މިނިސްޓްރީ އޮފް ޔޫތް އެންޕަވާމެންޓް އިންފޮމޭޝަން އެންޑް އާޓްސް އާއި، މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި، ހަޔާ އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ