(ފުރަތަމަ ބައި)
ނަވާރު ކާރުން ފޭބުމަށްފަހު އަވަސްވެގަތީ ފަހަތުން އަންނަ އުޅަނދުތައް ފުނިޖެހި ބަރުގޮނު އަޅަން ފެށުމުގެ ކުރިން ކާރުގެ ޑިކީގައި ހުރި ނަވާރުގެ ފޮއްޓާ މަންމަ ބޮޑުބޭބެއަށް ފޮނުވި ހަދިޔާ ފޮށިކޮޅު ނަގައިގެން އެއްފަރާތަކަށް ޖެހިލެވޭތޯއެވެ. އެހެންކަމުން އެންމެ ފުރަތަމަ އަމިއްލަ ފޮށި ހިފައިގެން ގޮސް މަގުގެ އެއްފަރާތުގައި ވަންނަން އުޅޭ އެޕާޓްމެންޓްގެ ދޮރުމަތީ ބެހެއްޓީއެވެ. އޭރު ހަމަ އެ އެޕާޓްމެންޓުން ނިކުތް ފަސްވަރަކަށް އަހަރުގެ ކުޑަ އަންހެންކުއްޖަކާ ޒުވާން ފިރިހެނަކު އެކާރުގެ ޑްރައިވަރަށް އަތްހިއްލާލަނީއެވެ. ހަދިޔާ ފޮށިކޮޅު ނަގަން ހިނގައިގަތް ނަވާރަށް ޑްރައިވަރ ބޯޖަހައިލިކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން ނަވާރުގެ ފަހަތުން ކަހަލަ ގޮތަކަށް އަންހެންކުއްޖާގެ އިނގިލީގައި ހިފަހައްޓާލައިގެން އެ ޒުވާނާ ކުރިއަށް ކާރާ ދިމާއަށް ހިނގައިގަންނަނީއެވެ.
ކާރުގެ ފަހަތުގައި ކުރިއަށް ނުދެވި ކާރަކާއި ދެތިން ސައިކަލު މަޑުކޮށްލައިގެން ތިބުމުން ނަވާރު އަވަސްވެގަތީ ފޮށިކޮޅު ޑިކީއިން ނެރެގެން އަވަހަށް އެއް ފަރާތް ވެވޭތޯއެވެ. އެހެންކަމުން ފޮށިކޮޅު ހިފައިގެން ތެދުވެ ހިންދެމިލި ނަވާރަށް އެއްފަރާތްވެލަން މަޖުބޫރުވީ ދުވަމުން އައި ޒުވާން ފިރހެންކުއްޖަކު ނަވާރުގެ ގައިގަ އަޅައިގަތުމުންނެވެ. ހިތްހަމަ ނުޖެހުނަސް އެއްޗެކޭ ނުބުނެ ދެންވެސް ނަވާރު ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އޭރު ކާރުކައިރިއަށް އައި ޒުވާނާ ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލާއި ކުޑަކުއްޖާ ކާރަށް އަރަންދެން މަޑުކޮށްގެން ހުއްޓެވެ.
ދުވަމުން އައިސް ނަވާރު ގައިގާ އަޅައިގަތް ކުއްޖާ އަތުގައި އޮތް ކުޑަކޮތަޅެއް ކާރަށް އަރަން ފަހިކޮށްގެން ހުރި ޒުވާނާ އަތުގެ ތެރެއަށް ލައްވައިލާ އިތުރަށް ދުވުން ބާރުކޮށްލިއެވެ. ކާރު ކައިރީ ހުރި ޒުވާނާ އެ ކުއްޖާ އޭނަގެ މުށުތެރެއަށް މި ކޮއްޕައިލި އެއްޗަކީ ކޮބައިތޯ ބަލަން މުށް ހުޅުވައިލާ މޫނާ ކައިރިކޮށްލުމަށްފަހު ތެޅިގެންފައި އަތުގައި އޮތް ޕްލާސްޓިކް ދެ އުރަކޮޅު ބިންމައްޗަށް ވައްޓައިލިއެވެ. އެހެންނަމަވެސް އޭރު ފުލުހުންގެ ދެ ބޭކަލަކު އައިސް އެ ޒުވާނާގެ ގާތުގައި މަޑުކޮށްލަނީއެވެ. އަދި ސިއްރު ވާހަކަތަކެއް ދެއްކުމަށްފަހު ޒުވާނާގެ އަތުގައި ހިފައިގެން ފަހަތުން އައިސް މަޑުކުރި ފުލުސް ވެހިކަލާދިމާއަށް ގެންދަން އުޅެގެންފިއެވެ. ޒުވާނާ އެކަމާ ދެކޮޅުހަދާ ގެންދަން ޖެހޭ ސަބަބު އޮޅުން ފިލުވަން އުޅޭތަން ބަލަން ނަވާރަށް ވެސް ހުރެވުނީ ހައިރާންވެ ވާނުވާ ނޭނގިފައެވެ. ޚުދު ޒުވާނާގެ ލޮލުން ވެސް ފެނުނީ ހައިރާންކަމާ ހިތްހަމަ ނުޖެހުމާ ރުޅިވެރިކަމެވެ. އެހެންނަމަވެސް އޭނާ ވާހަކަ ދައްކަމުން ދިޔައީ އެ އައި ފުލުންގެ ދެބޭކަލުންނަށް ވިސްނައިދޭ ފަދަ ގޮތަކަށެވެ. އެހެންވިޔަސް ފުލުސް ދެ ބޭކަލުން އެވާހަކަ ގަބޫލެއް ނުުކުރިއެވެ. އަދި އެމީހުންގެ ބަހަށް ނުކިޔަމަންތެރިވިކަމަށް ބަލައި އެ ޒުވާނާގެ އަތުގައި ބިޑިއަޅުވަން އުޅެގަތެވެ. އެ ތަން ފެނުމުން ކާރަށް އަރާ އިށީނދެ އެމަންޒަރުތައް ބަލަން އިން ކުޑަ ކުއްޖާ ކާރުން ފައިބާ ޒުވާނާގެ ގައިގާ އޮޅުލާގަނެ ރޮއެ ގަތެވެ. ނަވާރަށް އެ މަންޒަރުވީ ވަރަށްވެސް ހިތަށް ތަދު ކުރުވި މަންޒަރަކަށެވެ. ފުލުހުންގެ ދެމީހުން ކުރެ އެކަކު އެ ކުޑަކުއްޖާ މަސަލަސް ކުރުވަން އުޅުނު ވަގުތު ދެންހުރި ފުުލުސްމީހާ އެ ޒުވާނާގެ އަތުގައި ބިޑި އަޅުވަމުން ދިޔައެވެ.
"އޭއް! ކީއް...!" ނަވާރަށް ބޭއިޚުތިޔާރުގައި އަތް ހިއްލާލާ އެކަމާ ދެކޮޅު ހެދެން އުޅުނެވެ. ނަވާރުގެ އަޑު އިވުމުން ކުޑަކުއްޖާ ފުލުސްމީހާ އަތުން ވީއްލިގަނެގެން އައިސް ނަވާރުގެ އަތުގެ ތެރެއަށް ވަދެ ޙިމާޔަތަށް އެދުނެވެ. ހިތްލާލެވުވުނު އަތުން ނަވާރަށް ކުޑަކުއްޖާގެ ބުރަކަށީގައި ފިރުމައި ލެވުނެވެ. ކުޑަކުއްޖާ އިތުރަށް ނަވާރާ ގާތްވެލާ ނަވާރުގެ ފައިގެ ފަލަމަސްގަނޑުގައި ބޯ ޖައްސައިލާ ބޮނދައިލިއެވެ. އެހެންނަމަވެސް އެކުއްޖާގެ ދެލޯ ހުރީ އެ ޒުވާނާއާ ދިމާއަށެވެ. އަދި ބައްޕާއޭ ކިޔައި ގިސްލަމުން ދިޔައެވެ. ނަވާރުގެފަރާތުން މިފެނުނު އިންސާނިއްޔަތުކަމަށްޓަކައި ގޮތް ހުސްވެފައިވާ ޒުވާނާ ފުލުސްބޭކަލުންގެ ފަރާތުން އެދުނީ ކުޑަކުއްޖާޔާ ވާހަކަ ދައްކާލާން އެންމެ މިނިޓެއް ދިނުމަށެވެ. ކުޑަކުއްޖާއާ ދިމާއަށް ބަލައިލުމަށްފަހު އެތަނުން އެކަކު ބޯޖަހައިލިއެވެ. ޒުވާނާ ނަވާރާ ކައިރިވެލާ އޭނަ ބޭނުންވާނެހެން ހީވާހާ މައުލޫމާތެއް އެ އެއް މިނިޓްތެރޭ ދެވޭތޯ ބެލިއެވެ.
"އަހަންނަކީ ފާޒިލް! މީ އައިޝާ!. މި އިމާރާތުގެ ސެކަންޑްފްލޯރް ތިންވަނަކޮޓަރި. އައިޝާގެ އަތުގައި ތަޅުދަނޑި އޮންނާނެ!" އެ ހިސާބަށް ބުނެފައި ފުލުސްމީހާއާ ދިމާއަށް މޫނު އަނބުރަމުން އޭނަގެ ވޮލެޓްން ފައިސާ ނަގައި އައިޝާއާ ހަވާލުކޮށްދިނުމަށް އެދުނެވެ. އަދި ކޭޝް ކާޑް ވެސް ...
ފުލުސްމީހާ އަނެއްކާވެސް ކައިރީގައި ހުރި އަނެއް ފުލުހަށް ބަލައިލިއެވެ. އެމީހާ ފާޒިލްގެ ޖިންސްގެ ޖީބުން އެ ބުނާ ވޮލެޓެއް ނަގައި އޭގައި ހުރި ހުރިހާ ފައިސާއެއް ގުނުމަށްފަހު ނަވާރަށް ދިއްކޮށްލިއެވެ. ފާޒިލްގެ މޫނަށް ބަލާލުމަށްފަހުއެވެ.
"ކޮއްކޯ! ފައިސާ ކޮއްކޮގެ ދަބަހަށްލާ! އަދި ކާޑް ވެސް އިނގެ!" އަލަށް މި ދިމާވި އަންހެންކުއްޖާއަށް ފާޒިލް އިތުބާރުކުރީ އެނޫންގޮތެއް ނެތިގެންނެވެ.
ފައިސާ ދިނުމަށްފަހު ފުލުސްބޭކަލުން ފާޒިލް ގޮވައިގެން ހިނގައިގަތެވެ. އެއްވެސް ދެކޮޅުވެރިކަމެއް ނެތި މިފަހަރު ފާޒިލް ފުލުސް ވެހިކަލާ ހަމައަށް ދިޔައެވެ. އެހެންނަމަވެސް ވެހިކަލަށް އެރުމުގެ ކުރިން އެނބުރި ދުވަހަކުވެސް ނުދެކޭ އެ އަންހެންކުއްޖާއަށް ބަލައިލިއެވެ. އެއީ ގޮތްހުސްވެފައިހުރިކަން އަންގައިދޭ ނަޒަރެކެވެ. އަދި ޝުކުރުވެރި ކަމުގެ އިންތިހާ އެ ނަޒަރުން ފާޅުވެއެވެ. އޭރު ނަވާރު ވެސް ހުރީ ދެލޯ ބޮޑުކޮށްގެން އެންމެ ދެތިން މިނިޓް ތެރޭ މިހިނގި ކަންތައްތައް ސިކުނޑިއަށް ނަގައި ނުގަނެވިފައެވެ. އެއްފަހަރު ކައިރީގައި އޭނަގެ ފައިގެ ފަލަމަސްގަނޑުގައި ބައްދާލައިގެން ހުރި އެކުޑަ އަންހެންކުއްޖާއަށް އަނެއްފަހަރު އެ ޒުވާނާއަށް ... ފާޒިލްއަށް ނަޒަރު ހުއްޓާލައެވެ.
"އަހަންނަކީ ކުށްވެރިއެއް ނޫން! ގަބޫލުކުރޭ! އަމުދުން މިފަދަކަމެއް ނުކުރާނެ! އައިޝާ ބަލަހައްޓައިދީ!" ފުލުސްމީހާ ފާޒިލް ކޮއްޕައިލިއެވެ. ވެހިކަލް ތެރެއަށެވެ. ވެހިކަލް ދުއްވައިލިއިރު ވެސް ނަވާރު ހުރީ އަނގައިން ބަސްހުސްވެ ގަނޑުވެފައެވެ. އެހެން ނަވާރަށް ހުރެވުނީ އިރުކޮޅަކަށެވެ. ކައިރިން ވޫސްލާފަ ދިޔަ ސައިކަލުގެ ސަބަބުން ނަވާރު ހަމަ ހެއަށް އަނބުރާއައެވެ. ދެން ވިސްނައިލީ އެ ޒުވާނާ އެބުނި ފްލޯރއާ އަދި އެ ކޮޓަރި ހުރި ތަނަކާ މެދުގައެވެ.
"އަނެއްކާ އޭނަ އެބުނީ އޭނަގެ ރަހުމަތްތެރިޔާ އޭނަ ކައިރީ ބުނެފައިވާ ކޮޓަރީގެ ވާހަކަބާވައެވެ. ނޫނެކެވެ. ނަވާރު ބޯ ދެއަތަކަށް ހޫރައިލިއެވެ. އެއްޗެއް ހަނދާންކުރާ ކަހަލަ ގޮތަކަށެވެ. ރަހުމަތްތެރިޔާ ދިން އެޑްރެހަކީ ތިންވަނަ ފްލޯރްގެ ތިންވަނަ ކޮޓަރިއެވެ.
ކުޑަކުއްޖާގެ އަތުގައި ހިފައިގެން، ގެނައި ފޮށި ގެންގޮސް ލިފްޓް ކައިރީ ބަހައްޓާފައި އެކުއްޖާގެ އިނގިލިން ދޫކޮށްލަން ނަވާރު އުޅުނެވެ. އެކުއްޖާ ކުޑަކޮށް ގަދަ ހަދާލުމަށްފަހު ނަވާރުގެ މޫނަށް އިސް އުފުލާ ބަލައިލިއެވެ. ނަވާރު ބޯޖަހައިލަމުން ބޭރުގައި ހުރި ފޮށިގަނޑަށް އިޝާރާތްކޮށްލިއެވެ. އެވަގުތު އެކުއްޖާއަށް ވިސްނުނީކަންނޭނގެއެވެ. ނަވާރުގެ އިނގިލިން ދޫކޮށްލުމަށްފަހު ނަވާރު ހިނގައިގަތުމުން އެދިމާއަށް އެނބުރި ބަލަހައްޓައިގެން ހުރެއްޖެއެވެ. އެކުއްޖާގެ މި އަމަލުން ނަވާރަށް އެކުއްޖާ ބިރުގެންފައިވާ މިންވަރު ވަރަށް ރަނގަޅަށް އަންދާޒާކުރެވުނެވެ.
ފާޒިލް އެބުނި ކޮޓަރީގެ ދޮރުމަތީ ނަވާރު މަޑުކޮށްލިއެވެ. އައިޝާ އޭނަގެ ބެކްޕެކް ނަގާ ނަވާރަށް ދިއްކޮށްލަމުން ހުޅުވައިލާން އެދުނެވެ. ނަވާރު އެ ކުޑަ ދަބަހުގައި ހިފުމުން އޭގެ އެއްފަރާތުގައި ހުރި ޒިޕް ދަމައިލީ ޚުދު އައިޝާއެވެ. އޭގެ ފަހުން އެ ކުޑަކުޑަ އިނގިލިތަކުން ތަޅުދަނޑިއެއް ނަގާ ނަވާރަށް ދިއްކޮށްލިއެވެ. ނަވާރު ދެ ފިކުރެއްގައި ހުރެ ކޮޓަރީގެ ތަޅަށް ތަޅުދަނޑިޖަހައި އަނބުރައިލިއެވެ. ކޮޓަރި ހުޅުވިއްޖެއެވެ. އެތެރެއަށް ވަންނާނީތޯ ނޫނީ ދެންކަންތައް ކުރާނީ ކިހިނެއްތޯ ނަވާރު ވިސްނައިލިއެވެ. ފަހަރެއްގައި މިކޮޓަރީއަކީ ޑްރަގްގެ ވިޔަފާރިކުރާ ކޮޓަރިއަކަށް ވެސް ވެދާނެއެވެ. އޭރުން ފުލުހުން އައިސް މިތަން ބަލާފާސްކުރާއިރު ނަވާރުވެސް އެމަޅީގައި ބެދުމަކީ އެކަށީގެންވާ ކަމެކެވެ.
އެތެރެއަށް ނުވަދެ ހުރި ނަވާރުއަށް ސިހުން ލިބުނީ ކުޑަކުޑަ އައިޝާގެ މަޑުމަޑު އިނގިލަތަކުން ނަވާރުގެ އަތުގައި ހިފާ އެތެރެއަށް ދަމައިގަތުުންނެވެ. ދެކޮޅު ހަދަން ނުކެރި ނަވާރުވެސް އެތެރެއަށް ވަދެއްޖެއެވެ. އެހިސާބުން ކޮޓަރިގެ ދޮރުލެއްޕީ ވެސް އައިޝާއެވެ. އަދި ދެެން މަޑުމަޑުން އިސްއޮބާލައިގެންހުރެ އައިޝާ ގޮސް އިށީނީ ކޮޓަރީގެ އެއްފަރާތުގައި ހުރި ދެ އެނދުގެ ތެރެއިން ސިންގަލް އެނދުގައެވެ. އައިޝާގެ ހަރަކާތްތަކަށް ހަމްދަރުދީގެ ނަޒަރަކުން ބަލަހައްޓައިގެންހުރި ނަވާރުގެ ކަޅި މުޅި ކޮޓަރިތެރޭ ދަތުރުކޮށްލިއެވެ. އެވަގުތު އެ ހިތުގައި އެ ކޮޓަރީގައި އުޅޭ ބަޔަކަށް ތަޢުރީފް އުފެދިގެން ދިޔައެވެ. ކޮޓަރީގައިހުރި ކޮންމެ އެއްޗެއް ހުރީ ވަރަށް ތަރުތީބުން ބެހެއްޓިފައެވެ. ކޮޓަރީގެ ކޮންމެ ތަނަކުން، ކޮންމެ އެއްޗަކުން ފެންނަނީ ސާފުކަމެވެ.
ކުޑަކޮށް ވިސްނާލުމަށްފަހު ނަވާރު ގޮސް އައިޝާ ގާތު އެނދުގައި އިށީދެއްޖެއެވެ. އަދި އައިޝާގެ އަތްތިލާގައި ހިފަހައްޓާލަމުން ސުވާލުކުރިއެވެ.
"އޭރު އައިޝާ ނުކުމެހުރީ އައިޝާގެ ބައްޕައާ އެކުގައިތަ!" އައިޝާ މަޑުމަޑުން އިންގޮތަށް އިނދެ ބޯޖަހައިލިއެވެ. އާނއެކޭ ބުނުމުގެ ގޮތުންނެވެ.
"މި ކޮޓަރީގައި އުޅެނީ ކޮންބައެއް؟" ދެވަނަ ސުވާލު ނަވާރު ކުރީ ތިންވަނަ ސުވާލު ގަސްތުގައި ފަސްކޮށްލަމުންނެވެ.
"ކޮއްކޮއާ ބައްޕައާ!" ކުރިއެކޭ އެއްފަދައިން މި ފަހަރުވެސް އައިޝާގެ ޖަވާބު މަޑެެވެ.
"ކޮބާ އައިޝާގެ މަންމަ!" ޖެހިލުންވެ އިނދެ ވެސް ނަވާރު އެންމެ އަހަން ބޭނުންވި ސުވާލު ދުލާ ހަމައަށް ގެނައެވެ. އައިޝާގެ ޖަވާބު ލަސްވުމުން ނަވާރަކަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. އެހެންކަމުން އެ ކުޑަކުޑަ މައުސޫމުކުއްޖާއަށްޓަކައި އެ ހިތުގައި ހަމްދަރުދީއާ ކުލުނު ހައްދެއްނެތި އުތުރިގަތެވެ.
"ނޭނގެ!" އެއިވުނީ އައިޝާގެ އަޑެެވެ. އޭނަ އެބުނީ އޭނަގެ މަންމަ ވީތަނެއް ނޭނގޭ ވާހަކައެވެ. ނަވާރުގެ ހިތަށް އެ އަޑުން އެކަނިވެސް ވަރަށް އަސަރުކުރިއެވެ. މަޑުމަޑުން އައިޝާ ގަޔާލާ ކައިރިކޮށްލިޔަސް ދެން އިތުރު ސުވާލެއް ނުކުރެއެވެ.
"ދައްތަ އެބައަންނަން ޓޮއިލެޓަށް ވަދެލާފަ! ކޮބާ ޓޮއިލެޓް!" ނަވާރު ބަލައިލީ އައިޝާގެ މޫނަށެވެ. ނަވާރުގެ ގައިގާ ލެނގިލައިގެން އިން އައިޝާ ކުޑަކޮށް ދުރަށް ޖެހިލާ ކޮޓަރީގެ އެއްފަރާތުގައި ހުރި ދޮރަށް އިޝާރާތް ކޮށްލިއެވެ. ނަވާރު ތެދުވެ އައިޝާއަށް ހިނިތުންވެލަމުން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.
ހީކުރި ގޮތަށް ކޮޓަރިއެކޭ އެއްގޮތަށް ފާޚާނާވެސް ވަރަށް ސާފެވެ. އެކަންވީ ނަވާރަށް ލިބުނު އިތުރު ހިތްހަމަ ޖެހުމަކަށެވެ. ފާޚާނާކޮށް ނިންމާލައިގެން ނިކުމެ އައިޝާ ކޮބައިތޯ ބަލައިލިއިރު އައިޝާ ހުރީ ކަބަޑެއް ހުޅުވައިލައިގެން ފެންފުޅިއެއް ނަގާ އެއިން ތައްޓަކަށް ފެން އެޅުމަށެވެ. ނަވާރު ކުރިއަށް ހިނގާލާފައި ގޮސް އައިޝާ ބަނޑުފައިވީތޯ އެހިއެވެ.
"ކޮއްކޮއާ ބައްޕަ ދިޔައީ ކާންވެގެން!" އައިޝާ ބުނި އެއްޗަކުން ނަވާރުގެ ހިތުގައި ޖެހުނެވެ. އެފަކީރު އެހެރީ އެހެންވިއްޔާ އަދި މެންދުރު ނުވެސްކައެވެ. މިހާރު ގަޑިން އެއޮތް މެންދުރުން އަނބުރާ ތިނެއްޖަހަނީއެވެ. ކިހާ ބަނޑުފައެއް ވާނެހެއްޔެވެ!
"ކޮއްކޮ އެންމެ ކާހިތްވަނީ ކޯއްޗެއް!" ނަވާރު ބޭނުންވީ އައިޝާ އެންމެ ކާހިތްވާ އެއްޗެއް ގެނެސް އައިޝާއަށް ކާން ދިނުމަށެވެ.
"ކޮއްކޮ މެންދުރު ކަނީ ފަރާޓާ!" އައިޝާ މައުސޫމުގޮތަކަށް ބުނެލިއެވެ.
"ހަމަ އިރުކޮޅެއް ވާނީ! މިހާރު އޯޑަރ މިކުރަނީ!" އައިޝާގެ ކޮލުގައި މަޑުމަޑުން ޖަހައިލަމުން ނަވާރު ބުންޏެވެ. އަދި ފޯނުނަގައި ނަމްބަރަކަށް ގުޅާ އައިޝާ އަށާ މަނާރަށް ކާއެއްޗިައްސަށް އޯޑަރިދިނެވެ.
ގާތްގަނޑަކަށް ތިރީސްވަރަކަށް މިނިޓްފަހެވެ. އޯޑަރކުރި ކާއެއްޗެހި ލިބިއްޖެއެވެ. ދޮރު ލައްޕާލުމަށްފަހު ނަވާރު ކާއެއްޗެހި ހިފައިގެން ވަންތަން ފެނުމުން އައިޝާ ދުވެލާފަގޮސް އެއްފަރާތުގައިހުރި ކަބަޑު ހުޅުވައިލިއެވެ. އަދި އެތެރެއިން ތައްޓަކާ ފެންބޯނެ ތައްޓެއް ހިފައިގެން އައިސް ނަވާރު ގާތު މަޑުކޮށްލިއެވެ. ނަވާރު ފަސް އެނބުރި އައިޝާ ހުޅުވައިލި ކަބަޑަށް ބަލައިލިއެވެ. އަދި ކާއެއްޗެހި އަޅާފައި ހުރި ކޮތަޅުތައް ކޮޓަރީގެ މެދުގައި ހުރި ވަށްމޭޒުމަތީ ބެހެއްޓުމަށްފަހު ނަވާރުވެސް ގޮސް އެ ކަބަޑު ހުޅުވައިލިއެވެ. އެތާކު މާގިނަ އެއްޗިއްސެއް ނެތެވެ. އައިޝާ ނެގިި ތަށީގެ އިތުރުން ވެސް ކާތަށި ދެއްތައްޓާ ސައި ބޯ ތިން މަގާ ދެ ބިއްލޫރިތަށި ހުއްޓެވެ. އެހެންވީމާ މީގެ ކޮންމެ ސެޓެއްގައި މިހިރީ ތިންތަށިތާއެވެ. ނަވާރު ހިތަށް އެރިއެވެ. ތިންވަނަ މީހަކީ ކާކުބާވައެވެ. ހިތަށް އެރި އެއްޗަކުން އެތަނުން އެއްވެސް ތައްޓެއް ނަވާރެއް ނުނަގައެވެ.
އައިޝާ ކަމުން ދިޔަގޮތުން އެ ކުއްޖާފުޅު ހާންތިވެފައި ހުރިވަރު ނަވާރަށް އަންދާޒާކުރެވުނެވެ. އަދި ބަނޑުވެފައިވެފައި ހުރި ކުޑަކުއްޖަކަށް ކާންދެވުނުކަމުގެ ހިތްހަމަ ޖެހުމާއެކު އައިޝާ ކައި ނިމުމުން އެތަށިތައް ނަގާ ދޮވެ އެ ހުރި ތަނުގައި ބެހެއްޓިއެވެ. އަދި ނަވާރުވެސް ކުޑަކޮށް ކާލެވުމުން ވަރުބަލިކަމާ ލޮޑުކަން އިޙުސާސްވުމުން އޮށޯވެލަން ބޭނުންވިއެވެ. އެހެންނަމަވެސް އެ ކޮޓަރީގެ އެއްވެސް ތަނެއްގައި އެންމެ ކުޑަމިނުން ބުރަކަށިވެސް ޖައްސާލަން ނަވާރު ބޭނުމެއް ނުވިއެވެ. އައިޝާ ވެސް ކައި ނިމުމުން އޭނަގެ ފޮތް ބަހައްޓާ އަލަމާރި ހުޅުވާއިލާ އެތަނުން ކުލަ ޖައްސާ ފޮތެއްނަގައިގެން ކުލަޖެއްސުމާ އުޅެގަތެވެ. އެތަން ބަލަން އިރުކޮޅަކު ހުރުމަށްފަހު މާބޮޑަށް ވަރުބަލިކަން އިހުސާސްވުމުން ނަވާރު ބޭނުންވީ އޮށޯވެލާށެވެ.
ވަރަށް ރީތިވާނެކަމަށް ފެންނަނީ..ޖ ބައި ވ ރީތި
މިވާހަކަ އަދި ރަނގަޅު. ފުރަތަމަ ބައި ކިޔައިފިން ހީވޭ ރަނގަޅުވާނެހެން. އުއްމީދު ކުރަނީ ގަވާޢިދުން ބައިތަށް ގެނެސްދޭނެ ކަމަށް. އަދިވެސް އެހެން ވާހަކަތައް ގެނެް ދިނުން ވަރަށް މުހިއްމު އެއްފަހަރާ 3 ނުވަތަ 4 ވާހަކަ، އެއިރުން ކޮންމެ ދުވަހަކުވެސް ކިޔާލަން ވާހަކަ ހުންނާނެ. އަހަރެން އެދެނީ ތިޔަ ނޫސް މެދުވެރިކޮށް އެކަން ކޮށްދެވޭތޯ މަސައްކަތް ކުރުން. ޝުކުރިއްޔާ