އެންޑޯރާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު, 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ސްޕެއިން ކާމިޔާބު ކޮށްފިއެވެ.
ސްޕެއިންގެ ދަނޑެއް ކަމުގައިވާ ސްޓޭޑިއޯ ނުއެވޯ ވިވޭރޯ ގައި ކުޅުނު މެޗުގައި ސްޕެއިންގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. ބޯޅަ ހިފަހައްޓައިގެން ރީތި ޕާސްތަކެއް ޖަހައިގެން ކުޅޭ ކަމަށް މަޝްހޫރު ސްޕެއިން ވަނީ, މި މެޗުގައި 84 ޕަސެންޓް ޕޮޒެޝަން ހޯދާފައެވެ.
މެޗުގައި ސްޕެއިންގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ރެއާލް ބެޓިސްއަށް ކުޅެމުން އަންނަ އަޔޯޒޭ ޕެރޭޒް ކާމިޔާބު ކުރި ލަނޑެކެވެ. ޕެރޭޒްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން ސްޕެއިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ސްޕެއިން ވަނީ އެ ޓީމުގެ އެޓޭކު އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި މިކެލް އޮޔަޒަބަލް ވަނީ ލަނޑު ޖަހާ ސްޕެއިންގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.
އޮޔަޒަބަލް ވަނީ, މެޗުގެ 66 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ޖަހާ ސްޕެއިންގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. އޭގެ ހަ މިނެޓު ފަހުން އޮޔަޒަބަލް ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހާ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ސްޕެއިންގެ ފަސްވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބާސެލޯނާއަށް ކުޅެމުން އަންނަ ފެރަން ޓޯރޭސް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗުގައި އެންޑޯރާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު, އެ ޓީމަށް ސްޕެއިންގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ.
އެންޑޯރާ އަތުން ލިބުނު ބޮޑު މޮޅަށް ފަހު ސްޕެއިން ދެން ނިކުންނާނީ ނޯދަން އަޔަލެންޑާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ތާވަލު ކުރެވިފައި ވަނީ 9 ޖޫން ވާ އާދީއްތަ ދުވަހުގެ 00:30 ގައެވެ.