ސިއްރު ފެން ފުށި ރިސޯޓުން އިންތިޒާމް ކޮށްގެން, ތިމާވެށި ދުވަސް ފާހަގަކުރުމުގެ ގޮތުން ށ. މަރޮށީގެ މުނައްވަރަ ސްކޫލުގެ ދަރިވަރުންނަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

"50 ސްޓޫޑެންޓްސް 50 ޓްރީސް" މި ތީމުގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މުނައްވަރަ ސްކޫލުގެ ގްރޭޑް 6,7,8 އަދި 9 ގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ވަނީ ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ބެހޭ ގޮތުން ދަރިވަރުން އަހުލުވެރިކޮށް, ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ކަނޑުތަކަށް ދިމާވާ ގެއްލުންތަކުގެ މައްޗަށް އަލި އަޅުވާލާފައެވެ.

ސިއްރު ފެން ފުށި ރިސޯޓުގެ ޓީމުން ވަނީ އެ ރިސޯޓުގެ ސަސްޓެއިނަބިލިޓީ ލެބުގައި ޕްލާސްޓިކް ރިސައިކަލް ކުރުމަށް ކުރާ މަސައްކަތްތައް, މުނައްވަރަ ސްކޫލުގެ ދަރިވަރުންނަށް ދައްކާލާފައެވެ. މި ލެބަކީ, ކުންޏައް އުކާލާ ޕްލާސްޓިކު ބޭނުން ކޮށްގެން ފަރުނީޗަރާއި އެކި ވައްތަރުގެ ސުވެނިއާތައް އުފެއްދުމަށް ހާއްސަ ކުރެވިފައިވާ ލެބެކެވެ.

ސިއްރު ފެން ފުށި ރިސޯޓުން ވަނީ, މުނައްވަރަ ސްކޫލުގައި އިންދުމަށް ޓަކައި އެ ސްކޫލުގެ ދަރިވަރުންނަށް 50 ގަސް ހަދިޔާ ކޮށްފައެވެ. އޭގެ އިތުރުން އެ ރިސޯޓުން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް, ތިމާވެށްޓާއި ރައްޓެހި ފެން ބޯ ފުޅިއެއް ހަދިޔާ ކޮށްފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ޓަކައި ސިއްރު ފެން ފުށި ރިސޯޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި, މުނައްވަރަ ސްކޫލުގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ރިސޯޓުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.