ދަސްވެނިކަމަކީ ހަމައެކަނި ލިބޭސަނަދެއް ނޫންކަމަށާއި އެއީ ތިމާގެ ގާބިލުކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ހެދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ވަނީ މީހުންނާއި ގުޅިގެން މުއާމަލާތުކުރުމުުގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ. މީގެއިތުރުން ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ޤާބިލުކަމާއި ކަންކަމަށް އާ ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ޤާބިލުކަންފަދަ ކަންކަން އަށަގެންނެވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަމަށް ވެސް މެޑަމް ވިދާޅުވިއެވެ.

ހަމައެހެންމެ، ޔުނިވަރސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމައިނުލައި ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތްކުރަމުން ގެންދިއުމަށް އެކަމަނާ ދަސްވެނީންގެ ކިބައިން މެޑަމް ވަނީ އެދިވަޑައިގެންނެވިއެވެ.