ވިލާ ކޮލެޖްގެ ފިޝަރީޒް އެންޑް އޯޝަން ކްލަބު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު, މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އަހްމަދް ޝިޔާމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
މިނިސްޓަރ ޝިޔާމްގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަހްމަދް އާއި ބައެއް އިސް އޮފިޝަލުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ވިލާ ކޮލެޖްގެ ފިޝަރީސް އެންޑް އޯޝަން ކްލަބުގެ އިފްތިތާހު ރަސްމިއްޔާތު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދިނުމުގެ ގޮތުން މިނިސްޓަރ ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ވަނީ, ރާއްޖޭގެ ކަނޑުތަކުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.
މިނިސްޓަރ ޝިޔާމް ވަނީ, ރާއްޖޭގެ ކަނޑުތަކާ މެދު އޮންނަ ޝައުގުވެރިކަށް އިތުރުކޮށް, ކަނޑުތަކާ ބެހޭ ގޮތުން ދިރާސާކޮށް އިތުރަށް އުނގެނުމަށް ވިލާ ކޮލެޖްގެ ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. މިނިސްޓަރ ޝިޔާމްގެ ވާހަކަފުޅުގައި ވަނީ, އެންމެ ކުއްޖެއްގެ މަސައްކަތުން ވެސް އިންގިލާބީ ހެޔޮ ބަދަލެއް ފެނުމަކީ އެކަށީގެންވާ ކަމެއްކަން އެކޮލެޖުގެ ދަރިވަރުންނަށް ހަނދާން ކޮށްދެއްވާފައެވެ.
ވިލާ ކޮލެޖުގައި އިފްތިތާހު ކުރެވިގެންދިޔަ މި ކްލަބަކީ މުޅިން އަލަށް އެ ކޮލެޖުގައި ހިންގުމަށް ހަމަޖެހިފައިވާ ކްލަބެކެވެ.