ރެއާލް މެޑްރިޑަކީ މިވަގުތު ދުނިޔޭގައި އެންމެ މޮޅު ކްލަބު ކަމަށް ބާސެލޯނާގެ ލެޖެންޑު ލިއޮނަލް މެސީ ބުނެފިއެވެ.

މެސީ މިހެން ބުނީ "އިންފޯބޭ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި މެސީ ވަނީ ފުޓުބޯޅަ ދުނިޔޭގައި ދިމާވެފައިވާ އެކި މައްސަލަތަކާއި ބެހޭ ގޮތުން މެސީ ދެކޭ ގޮތް ހާމަކޮށްފައެވެ.

އިންޓަވިއުގައި, ދުނިޔޭގައި މި ވަގުތު އެންމެ މޮޅީ ކޮން ކްލަބެއްތޯ އެހުމުން މެސީ ވަނީ ދެ ކްލަބެއްގެ ނަން ބުނެފައެވެ. އޭގެ ތެރެއިން އެއް ކްލަބަކީ އޭނާގެ ޒަމާންވީ ވާދަވެރިން ކަމުގައިވާ ރެއާލް މެޑްރިޑެވެ.

"އެންމެ މޮޅު ޓީމަކީ ރެއާލް. ރެއާލް ޗެމްޕިއަންސް ލީގުގައި ހާސިލުކުރާ ކާމިޔާބީ ތަކުން އެކަން ވަރަށް ސާފު. ނަތީޖާގެ ގޮތުން އެންމެ މޮޅީ ރެއާލް އެކަމަކު ކުޅުމުގެ ވައްޓަފާޅިއަށް ބަލާ ނަމަ އެންމެ މޮޅޭ ބުނެވޭނީ ގާޑިއޯލާގެ މެންޗެސްޓާ ސިޓީ" އިންޓަވިއުގައި ވާހަކަދައްކަމުން މެސީ ބުންޏެވެ.

މެސީ މިހެން ބުނުމުން އެކި ފަރާތްތަކުން އަންނަނީ, މިކަން ރަމްޒުކޮށްދެނީ މެސީގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ކަމަށް ބުނަމުންނެވެ. ދާދި ފަހުން އެމްބާޕޭގެ ސޮއި ކަށަވަރު ކުރި ރެއާލް މެޑްރިޑަކީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ކްލަބު ކަމަށް ވާދަވެރި ކްލަބުތަކުގެ ސަޕޯޓަރުން ވެސް އަންނަނީ ބުނަމުންނެވެ.