ޔޫރޯއަށް ތައްޔާރުވުމަށް ޓަކައި އައިސްލޭންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި 1-0 އިން އިނގިރޭސި ވިލާތް ބަލިވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް އިނގިރޭސި ވިލާތުން ނިކުތީ ހެރީ ކޭން, ކޯލް ޕާމާ އަދި ފިލް ފޯޑެން ކުރިއަށް ލައިގެންނެވެ. ވަރުގަދަ ފޯވާޑް ލައިނަކާއެކު ނިކުތް ކަމުގައިވިއަސް އިނގިރޭސި ވިލާތުގެ ފަރާތުން މެޗުގައި ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެކެވެ.
މެޗު ފެށިގެން އެންމެ 12 މިނެޓު ތެރޭގައި އައިސްލޭންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑަކީ އެ ޓީމުގެ ފޯވާޑް ޖޯން ޑެގާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
އައިސްލޭންޑުން ލީޑު ނެގުމާއެކު އިނގިރޭސި ވިލާތުން ވަނީ ކުޅުން ރަނގަޅު ކޮށް އައިސްލޭންޑުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މެޗުގައި ސުން ކަނޑާ ނުލެވުނު އިރު, މެޗުގެ ވަގުތު ހަމަވެގެން ދިޔަ އިރު ވެސް އިނގިރޭސި ވިލާތަށް އައިސްލޭންޑުގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މި މެޗުން ބަލިވުމާއެކު އިނގިރޭސި ވިލާތުގެ ސަޕޯޓަރުން އަންނަނީ ޓީމު ޔޫރޯއަށް ތައްޔާރު ކަމާ މެދު ސުވާލު އުފައްދަމުންނެވެ. 17 ޖޫން ގައި ސާބިއާއާ ދެކޮޅަށް ޔޫރޯގައި އިނގިރޭސި ވިލާތުން ވާދަކުރާ އިރު, ރަނގަޅު ނަތީޖާއެއް ނެރުމަށް އެ ޓީމުގެ ކޯޗު ސައުތު ގޭޓަށް ވަރަށް މުހިއްމެވެ.