ފުވައްމުލަކު މިސްކިތްތަކުގެ ޖަމާޢަތުގައި ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން މިއަދު މަނާ ކުރައްވައިފިއެވެ.

މިނިސްޓަރ އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ނެރުއްވަފައިވާ ސާކިޔުލާއެއްގައި ވިދާޅުވެފައިވަނީ ފުވައްމުލަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކުރެއްވީ އެރަށުން ކޮވިޑް-19 ފެނި އެބަލި އެރަށުގައި ފެތުރެމުންދާތީ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ފުވައްމުލަކު މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލަން އަންގާފައިވަނީ މިއަދު ޢަސްރު ނަމާދުން މިފެށިގެން ފެބުރުއަރީ 15 ވަނަ ދުވަހުގެ ޢަސްރު ނަމާދުގެ ނިޔަލަށެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ ކޮންމެ ނަމާދަކަށް ވެސް ބަންގި ގޮވަންޖެހޭނެ ކަމަށެވެ. އަދި ބަންގިއަށްފަހު ކޮންމެ މީހަކުވެސް ގޭގައި ނަމާދު ކުރުމަށް ދެ ފަހަރު ގޮވަން އިސްލާމިކް މިނިސްޓްރީން އެދިވަޑައިގެންފައިވެއެވެ.

މި ހާލަތުގައި ވެސް ބަރާބަރަށް ފަރުޟު ފަސް ނަމާދު ގޭގައި ތިގެން ކުރުމަށާއި ސުންނަތް ނަމާދު އިތުރުކޮށް މިކަމުން ސަލާމަތް ވުމަށް ﷲ އަށް ދުޢާ ދަންނަވައި އިސްތިޣުފާރު ކުރުން ގިނަ ކުރުމަށް މިނިސްޓްރީން އެދިވަޑައިގެންފައިވެއެވެ.