އިންޑިޔާގެ ބޮޑުވަޒީރު ހުވާ ކުރުމުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަބޫލުފުޅު ކުރައްވައިފިއެވެ. މި ޖަލްސާއަށް ރައީސްއަށް ދައުވަތު އަރުވައިފައިވަނީ އިންޑިޔާއިން ރާއްޖެއަށް ހަމަޖައްސަވައިފައި ހުންނަވާ ސަފީރު، މޫނު މަހާވަރެވެއެވެ. ރައީސްއަށް އިންޑިޔާ ސަފީރު މި ދައުވަތު އަރުވާފައިވަނީ އެމަނިކުފާޏު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައއެވެ. މި ބައްދަލުވުން އޮތީ ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް ފޮނުއްވައި 3 ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވާކުރެއްވުމުގެ މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރު މަޤާމުގެ ހުވާކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައި ވިދާޅުވެ، އެ ރަސްމިއްޔާތަށް ދަޢުވަތު އެރުވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެޤައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.