ރޯދައަށް ހުރުމަކީ މުސްލިމުންގެ މައްޗަށް މީގެ 1400 އެއްހައި އަހަރު ކުރިން ފަރުޟު ކުރެވުނު ވާޖިބެކެވެ. އަދި މުސްްލިމުންނަކީ ފަރުޟު ރޯދައިގެ އިތުރުން ސުންނަތް ރޯދަވެސް ގިނަ ގިނައިން ހިފަމުން އަންނަ ބައެކެވެ. މިގޮތުން މި ޒަމާނުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ސައިންޓިސްޓުން ދިރާސާކޮށް ރޯދައަކީ އޭގެ ސަބަބުން އިންސާނާގެ ސިއްހަތަށް ގިނަ ފައިދާތަކެއް ހުރި ކަމެއްކަން ވަނީ ދެނެގަނެވިފައެވެ.
ރޯދަހިފުމަކީ ނުކައި ބަނޑަށް ހުރުމުގެ ބަދަލުގައި، ސިއްހަތަށް ފައިދާ ހުރިގޮތަކަށް ހަށިގަނޑުގެ ބަރުދަން ލުއިކުރެވޭނެ އެއްގޮތެވެ. މިގޮތުން ދުވާލު ކާވަރު މަދުކޮށް ހަށިގަނޑުގައި ހުންނަ ސަރުބީތަށް ނައްތާލުމަށް ހަށިގަނޑު މަސައްކަތް ކުރެއެވެ. ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުގެ މައިގަނޑު ހަކަތަ އުފައްދާ ބާރު "ގްލައިކޮޖިން" ހުއްޓުމަކަށް އާދެއެވެ. ގްލައިކޮޖެން އަކީ ހަށިގަނޑަށް އެތެރެވާ ކާބޯހައިޑްރޭޓްގެ ބާވަތްތަކުން އުފެދޭ އެއްޗަކަށް ވުމުން، ރޯދައަށް ހުރުމަކީ މިކަން ހުއްޓުމުކަށް އަންނަ ކަމެކެވެ. އަދި މީގެ ސަބަބުން ހަށިގަނޑު ބާރު އުފެއްދުމަށްޓަކައި ގްލައިކޮޖިންގެ ބަދަލުގައި ސަރުބީ އަންދަން ފަށައެވެ. މީގެ ސަބަބުން ކޮލެސްޓްރޯލް ދައްވެ، އަދި ބްލަޑް ޕްރެޝާރ ވެސް ދަށްވެއެވެ. އަދި ހަށިގަނޑުގެ ބަރުދަން ދުޅަހެޔޮ މިންވަރެއްގައި ބެހެއްޓުމަށް އެހީވެއެވެ.
މީގެއިތުރުން ރޯދައަށް ހުރުމަކީ އިންސާނާގެ ސިކުނޑިއަށް ވެސް އޭގެން ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. މިގޮތުން ރޯދައަށް ހުރުމަކީ ސިކުނޑި "ސުޕާޗާޖު" ކޮށްލުމޭ ވެސް ބައެއް މީހުން ބުނެއެވެ. އެއީ ރޯދައަށް ހުރުމުން ސިކުނޑީގައި އައު ސެލް ތަށް އުފައްދައި، ސިކުނޑި ވަރުގަދަ ކުރުމަށް ބާރު އަޅާތީއެވެ. މިކަމުގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ. އަދި މީހާގެ ވަށައިގެންވާ ކަންކަމަށް މީހާ އިތުރަށް ހުށިޔާރުވެއެވެ. އަދި ކަންކަން ފަސޭހައި ދެނެގަނެވި، ހަދާންކުރުމުގެ ބާރު ނުވަތަ ހިތުދަސް ކުރުމުގެ ބާރު ގަދަވެއެވެ. މީގެއިތުރުން މީހާގެ މާޔޫސް ކަމާއި ހާސްކަން ފިލުވައިދީ، ސިކުނޑީގެ އުނގެނުމުގެ ބާރު އިތުރު ކޮށްދެއެވެ.
މިއަދު ސައިންޓިސްޓުން ކުރާދިރާސާތަކުގެ ސަބަބުން ރޯދައިގެ ފައިދާ އިނގިގެން ރޯދާ ހިފާ މީހުން ވަރަށް ގިނައެވެ. މިގޮތުން މިކަމުގެ ސިއްހީ ފައިދާތަކަށް ޓަކައި ރޯދައަށް ހުންނަ ކާފަރުން ވެސް މަދެއްނޫނެވެ. ނަމަވެސް އަޅުގަނޑުމެން މުސްލިމުންނަކީ ސިއްހީ ފައިދާތަކަށް ވުރެ ރޯދައިގެ ސަބަބުން އާޙިރަތުގައި އަޅުގަނޑުމެންނަށް ލިބޭފައިދާތަކަށް ރޯދަ ހިފާ ބައެކެވެ. ނަމަވެސް ރޯދަ ހިފާއިރުގައި މިކަމުން ލިބޭ ސިއްހީ ފައިދާތަށް ދެނެގަތުމަކީ ވެސް މުހިއްމު ކަމެކެވެ.
(މައުލޫމާތު: ކްލީވްލޭންޑްކްލިނިކް، ނިއުއަރަބް)