ދިވެހި ކަނޑުތަކުގެ ހަޒާނާތަކަކީ ދިވެހީންގެ އިގްތިސާދަށް އޮތް އެންމެ ބޮޑު އުއްމީދު ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމުގައެވެ. . ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައެވެ.

މިގޮތުން މިއަދުގެ މުނާސަބަތުގައި ދިވެހި ސަރުކާރުގެ އެކއެކި ވުޒާރާތަކުން ދަނީ ގިނަ ހަރަކާތްތަށް ހިންގަމުންނެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ "ކަނޑުފަޅަށް ލޯ ހުޅުވަމާ"ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިއުމާއި ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވާ ޑައިވް" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތެވެ. މީގެއިތުރުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމެންޓް އެންޑް އެނާޖީއާއި އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީއިން ގުޅިގެން ވަނީ ކ.ތަނބުރުދޫ ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިނޫންވެސް ގިން ހަރަކާތްތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަ ގެންދެއެވެ.