މުލަކަތޮޅު މުލީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މިފްކޯގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާކު ކުރައްވައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަކީ
- 160 މީޓަރު ޝީޓުޕައިލް ޖެހުން
- 68.9 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓުމެންޓް ޖެހުން
- 3200 ސްކެއަރ މީޓަރުޕޭވްމަންޓް
- 27 ބޮލަރޑް ހަރުކުރުން
- 16 ފެންޑަރު ހަރުކުރުން
- 11 ހާބަރ ލައިޓް ހަރުކުރުން
- 02 ނެވިގޭޝަން ލައިޓް ހަރުކުރުން
- 8،640 ކިއުބިކް މީޓަރު ބަނދަރު ފުންކުރުން
- 22،400 ކިއުބިކް މީޓަރު ބިންހިއްކު މެވެ.
މި މަޝްރޫޢުގެ އަގަކީ 56.13 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރެއްވީ 300 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި ބަނދަރު ނިމުމުން ބޮޑެތި ބޯޓުފަހަރު އެތަނަށް ގާތް ކުރެވޭނެއެވެ.
މީގެ އިތުރުން މިއަދު ވަނީ ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލު ކުރައްވައިފިއެވެ. މިމަޝްރޫޢުގެ އަގަކީ 69.8 މިލިއަން ރުފިޔާއެވެ. މި މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ 365 ދުވަސް ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 78 ހާސް ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރަން ޖެހެއެވެ. އޭގެ އިތުރުން 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 616 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ތޮއްޓެއް ލާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ބޭރު ތޮށީގެ ބަނދަރު ފަރާތުގައި ކޮންކްރީޓް ދެ ޖެޓީ އާއި ރޭމްޕު ހެދުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޝާހިދު ޙުސައިން މޫސާއެވެ.