އެހެނިހެން ގޮތް ގޮތުން އުފައްދާފެން ސްޓެލްކޯފެނާއި އެއްނުކުރުމަށް ސްޓެލްކޯއިން އިން އަންގައިފިއެވެ.

ސްޓެލްކޯއިން މިފަދައިން އިއުލާނު ކޮށްފައިވަނީ އިއްޔެ އެ ކުންފުނިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރި ލިޔުމެއްގައެވެ. މި އިއުލާނުގައި ސްޓެލްކޯއިން ވިދާޅުވެފައިވަނީ އެ ކުންފުނިން ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ރަށްރަށުގެ ފެނުގެ ނިޒާމަށް ހައުސް ކަނެކްޝަން ގުޅާއިރު، ބިމުގެ ފެނާއި މިކުންފުނިން ފޯރުކޮށްދޭ ފެން އެކުވާގޮތަށް ކަނެކްޝަން ހަދަމުންދާކަން ވަނީ ފާހަގަ ކުރެވިފައިކަމަށެވެ. އަދި މިކަމަކީ ޤާނޫނު ނަންބަރު: 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) 22 ވަނަ މާއްދާގެ "ށ" ގެ ދަށުން ހުއްދަކުރާ ކަމެއް ނޫންކަމަށެވެ.

މީގެއިތުރުން ސްޓެލްކޯއިން ވިދާޅުވީ އެ ކުންފުނިން ފޯރުކޮށްދެމުން ގެންދާ ފެނުގެ ޚިދުމަތަކީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޓެސްޓް ކުރެވިގެން ފޯރުކޮށްދެވޭ ޚިދުމަތަކަށް ވުމުން، މި ނިޒާމުގެ ތެރެއަށް އިތުރު އެއްވެސް ފެނެއް އެއްކުރެވޭ ނަމަ، އެކަމުގެ ސަބަބުން ފެން ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ބޭނުންކުރާ ހުރިހާ ރައްޔިތުން ޞިއްޙީ ނުރައްކާތެރި ކަމެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުޞަތު ވަރަށް ބޮޑު ވާނެކަމަށެވެ. އެހެންކަމުން އެހެނިހެންގޮތްގޮތުން އުފައްދާފެނާއި ސްޓެލްކޯފެނާއި އެއްނުކުރުމަށް އެ ކުންފުނިންވަނީ އިލްތިމާސް ވެފައެވެ. އަދި މިގޮތަށް ކްރޮސްސެކްޝަން ހަދާފައިވާ ބޭފުޅުން 5 ދުވަސް ތެރޭގައި މިކަން ސައްހަ ކުރުމަށް ވެސް ސްޓެލްކޯއިން ވަނީ އެދިފައެވެ. އަދި މިކަން ރަނގަޅު ނުކުރާ ބެފޭޅުންނާއި މެދު ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެކުންފުނިން ވިދާޅުވިއެވެ.