(2 ވަނަ ބައި)
އައިޝާ ވެސް ކައި ނިމުމުން އޭނަގެ ފޮތް ބަހައްޓާ އަލަމާރި ހުޅުވާއިލާ އެތަނުން ކުލަ ޖައްސާ ފޮތެއްނަގައިގެން ކުލަޖެއްސުމާ އުޅެގަތެވެ. އެތަން ބަލަން އިރުކޮޅަކު ހުރުމަށްފަހު މާބޮޑަށް ވަރުބަލިކަން އިހުސާސްވުމުން ނަވާރު ބޭނުންވީ އޮށޯވެލާށެވެ.
"އައިޝާ ހިނގާބަލަ ކުލަޖައްސަން ދައްތަގެ ރޫމަށް!" ނަވާރުގެ އަޑު އިވުމާއެކު އައިޝާ ފޮތް ލައްޕާލާ ގެންގުޅުނު ކުލަތަކާ އެކު ތެދުވެއްޖެއެވެ. އެހެންނަމަވެސް އެކުއްޖާގެ މޫނުމަތިން ފެނުނީ ސުވާލުމާކްތަކެކެވެ.
ނަވާރު ހިނގައިގަތެވެ. އައިޝާގެ އިނގިލީގައި އެއްއަތުން ނަވާރުގެ ފޮށި އަނެއްއަތުން ހިފައިގެންނެވެ. ތިންވަނަ ފަންގެފިލާގެ ތިންވަނަ ކޮޓަރީގެ ދޮރު ހުޅުވައިލީ އޭނަގެ ރަހުމަތްތެރިޔާ އެއަރޕޯޓުން ދިމާވެގެން އޭނައަތަށް ދީފައިވާ އެ ކޮޓަރީގެ ތަޅުދަނޑިންނެވެ.
އެއީ ފުދޭވަރަކަށް ބޮޑުކޮޓަރިއެކެވެ. ކޮޓަރީގައިހުރި ފަރުނީޗަރވެސް އަލެވެ. ފެންވަރު ރަނގަޅެވެ. އެއްފަރާތުން ވަރަށް ރިއްޗަށް ހުޅުމާލޭ ބުރިޖް ފެންނަން އޮތެވެ. ހާމަ އުޑާ ހެޔޮވަރުވަރަކަށް ގަދަކޮށް އޮތް ކަނޑު ފެނުމުން އަމިއްލަ ރަށުގެ މަތިން އަލުން ނަވާރު ހަނދާން އާވިއެވެ. އެހެންނަމަވެސް އެވަގުތު މަންމަގެ ބަލިހާލަތު ހަނދާނަށް ގެނެސްގެން ނިދި ނަގާލަން ބޭނުން ނުވާތީ އެ ޚިޔާލުތަކުން ނިކުންނަން މަސައްކަތް ކުރަމުން ގޮސް ކޮޓަރީގެ ދޮރު ލައްޕާ ތަޅުލިއެވެ. އަދި އައިޝާ ގެންގޮސް ކޮޓަރީގައިހުރި ކްއީންސައިޒުގެ އެނދުގައި ބެއިންދިއެވެ.
"ދެން ކުލަ ޖައްސާލާ! ދައްތަ ކުޑަކޮށް ރެސްޓްކޮށްލާނަން! އޯކޭތަ!" ކުޑަކޮށް ގުދުވެލާ އައިޝާއާ މޫނު ކައިރިކޮށްލަމުން ނަވާރު ވާހަކަދެއްކިއެވެ. އައިޝާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ޖަވާބު ދިނެވެ.
"އޯކޭ!" ތުއްތުތުއްތު މައުސޫމު އަޑެެކެވެ.
ނަވާރު އެނދުގައި ހުރަހަށް އޮށޯވެލިއެވެ. އެހެންނަމަވެސް ކުރިމަތިވެގެން މިއުޅޭކަންތަކާ ހެދި ސިކުނޑިއަށް ބުރަބޮޑުވެފައިވާ ވަރުން ނިދޭގޮތެއް ނުވިއެވެ. ކުޑަކޮށް ލޯމެރިލުމުން ކުއްލިި ކުއްލިއަކަށް ލޮލުގެ ކުރިމަތީ ސިފަވަމުން އައީ އެ ހައިރާންކުރުވަނިވި ވަގުތުކޮޅެވެ. ފާޒިލް އައިޝާ ގޮވައިގެން އެ އިމާރާތުގެ ކުރިމަތީ ހުރިގޮތެވެ. ކާރަށް އަތް ހިއްލާލާ ކާރާ ދިމާއަށް އައިޝާ ގޮވައިގެން ހިނގައިގަތް މަންޒަރެވެ. އައިޝާ ކާރަށް އަރުވަން ދޮރުހުޅުވައިލުމުން އައިޝާ ކާރަށް އެ ރިވަގުތު ދުވެފައި އައި މީހާއެވެ. ނަވާރުގެ ގައިގާ އަޅައިގެންފައި ނުވެއްޓި ހަމަ އިސްކޮޅަށް ތެދުވެވުމުން ފާޒިލްއާ އަރާހަމަވެ ދެން ކަންތައް ކުރި ގޮތެވެ. ތެދެކެވެ. ފާޒިލްއަތުގެ ތެރެއަށް އެ ދެ ކޮތަޅުކޮޅު ލެއްވީ އެމީހާއެވެ. ނަވާރަށް އެކަން ޔަގީނެވެ. ޔަގީން ނުވަނީ އެއީ ރޭވުމެއްކަން ނުވަތަ ނޫންކަމެވެ.
ނަވާރު ފުރޮޅިލިއެވެ. އައިޝާއަށް ބަލައިލިއެވެ. އައިޝާ އައިސް ނަވާރުގެ ފުރަގަހުގައި އޮށޯތީ ކޮން އިރަކުހެއްޔެވެ! ރަނގަޅަށް ނުނިދުނަސް އައިޝާ އޮށޯއްކަމެއް ނަވާރަކަށް އިހުސާސެއް ނުވިއެވެ. ޚިޔާލުގެ ކަނޑަށް މާ ފުނަށް ފީނުނީތާއެވެ.
ނަވާރު އައިޝާއާ ވީފަރާތަށް އެނބުރިލިއެވެ. އެ ކުޑަކުޑަ އައިޝާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. ފަންފަން އިސްތަށިކޮޅެކެވެ. މޫނުކޮޅު ނުލާހިކު ވަށެވެ. ދެލޮލުގެ އެސްފިޔަތައް އެހާ ދިގެވެ. ކުއްޖާ ދޮނެއް ނޫނެވެ. ކަޅެއް ވެސް ނޫނެވެ. ހިކި ކުއްޖެކޭ ނުބުނެވޭނެއެވެ. އެކަމަކު ޗަބީއެއްވެސް ނޫނެވެ. ނަވާރަށް ލޯބިން އެކުއްޖާގެ ބޮލުގައި ނޭފަތް ޖައްސައިލެވުނެވެ. އަދި ނަވާރުގެ ހިތް އެކުއްޖާއަށްޓަކައި ލޯބިން ފުރިގެން އައެވެ. އަހަރެން މި ނުވެސް ދަންނަ މީހެއްގެ ބެލުމުގެ ދަށަށް އެ ކުއްޖާ އައިއިރު... އަހަރެން ނޫން މީހަކު އެކުއްޖާ ބަލަން ޖެހުނުނަމަ... އެކުއްޖާ އުޅޭނީ ރައްކާތެރި މާހައުލެއްގައިހެއްޔެވެ! އެ ކުއްޖާ އުޅޭނީ ކައިގެން ހެއްޔެެވެ! މިމައުސޫމުކުއްޖާ މިހާލުގައި މަންމައާ ބައްޕައާ ވަކިން އުޅޭން ޖެހުނީ އެކުއްޖާގެ ކޮން ކުށަކުންހެއްޔެވެ! ނަވާރުގެ ހިތުގައި ރަހުމު ހިނގައިލީ ހައްދެއްނެތިއެވެ. އަދި އެކުއްޖާގެ ބައްޕަ ނުވަތަ އެކުއްޖާގެ އެވަރުގެ މީހެއްގެ އަތަށް ނޫނީ އެކުއްޖާ ދޫކޮށްނުލަން ނަވާރު ނިންމިއެވެ.
ނަވާރުގެ ޚިޔާލީ ދުނިޔެއިން ނަވާރު ހޭލައްވައިލީ ފޯނުގެ ރިންގުގެ އަޑެެވެ. ގުޅަނީ އޭނަގެ އެންމެ ގާތް އެކުވެރިޔާ އަނޫޝާއެވެ.
"އޭ ހަލޯ! ހަމަ ނިދަނީ ދޯ ދެފައި ދަމާ ދަމާފަ!" އަނޫ އޭނަގެ ސަމާސާ ރާގުގައި ބުންޏެވެ.
"ނިދޭތަ މި ލައިގަތްކަމަކުން!" ބުނެވުނު އެއްޗެއް ރޭކާ ލުމުން ނަވާރު ގަސްތުކުރީ އިހަށް އަނޫޝާއަށް ވެސް އެ ވާހަކަ ނާންގައި ބޭއްވުމަށެވެ.
"އެ ކިހިނެއްވީ!" އަނޫޝާގެ އަޑުގައިވަނީ ހައިރާންކަމެވެ.
"އަސްލު އަދި ކިރިޔާ މި ޖައްސައިލެވުނީ... ގުޅާނަން ފަހުން އިނގޭ!" ނަވާރު ބޭނުންވީ އިހަށް ފޯނު ކުރުކޮށްލުމަށެވެ.
ފޯނުގެ އަޑު މަޑުކޮށްލުމަށްފަހު އަނެއްކާވެސް ބަލައިލެވުނީ އައިޝާގެ މޫނަށެވެ. ހޭލެވުނުތޯއެވެ. އައިޝާ ނިދިފައި އޮތްތަން ފެނުމުން އަނެއްކާވެސް ނަވާރު ލޯމަރައިލިއެވެ. މިފަހަރު އޭނާގެ ހަނދާންތައް އޭނާ ގެންދިޔައީ އަދި މާދުރަށެވެ.
ނަވާރުގެ އުމުރުން ގާތްގަނޑަކަށް ދިހަ އަހަރަށް އޮއްވާ ނަވާރުގެ މަންމަ ވަރިކޮށްލުމަށްފަހު ބައްޕަ އެހެން މީހަކާ އިނދެގެން ދިޔައީއެވެ. އޭރު ނަވާރު ނޫނަސް މަންމަގެ އިތުރު ދެކުދިން ތިއްބެވެ. ނަވާރުގެ ތިންބެއިން ބެލެހެއްޓުން ވީ މަންމައަށް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ނަވާރުގެ ތިންބެއިންނަކީ ވެސް މަންމަގެ ބަސްއަހާ ކިޔެވުމަށް ތޫނުފިލި ކުދިން ކަމުން ނަވާރުގެ މަންމަ އެ ތިންބެއިންނަށް ރަނގަޅު ތައުލީމެއް ދެވޭތޯ ކުރަމުން އައި އުންމީދުގައި ކުލަޖައްސައިދެވޭތޯ އައީ ހިތްވަރު ކުރަމުންނެވެ. ގޭގެއަށް މަސައްކަތްކޮށްދީގެން ލިބޭ އެއްޗަކުން ނުވާތީ އިތުރު ކައިވެންޏެއް ކުރަން ނަވާރުގެ މަންމަ ނިންމިއެވެ. ނަވާރުގެ ތިންބެއިން ކުޑަޔަސް ތިންބެއިން ގާތުވެސް މަންމަ އެވާހަކަ ބުންޏެވެ. އޭރު މަންމަ ވަރިކޮށްފައި ބައްޕަ ދިޔަފަހުން ބައްޕަގެ އަތުން އިތުރު އެއްޗެއް ލިބެނީވެސް މަންމަ ވަރަށް ކިޔައިގެންކަން ނަވާރުމެން ތިންބެއިންނަށް ވެސް އެނގެއެވެ. އަނެއްކޮޅުން އެއީ މަންމަގެ ވެސް އެންމެ ޒުވާން އުމުރެވެ. އެހާ ޅައުމުރުގައި ވެސް ނަވާރަށް އެވަރު ވިސްނެއެވެ. އެހެންވެ މަންމައަށް އިތުރު ކައިވެންޏެއް ކުރަން ޚުދު ނަވާރު ވެސް ހިތްވަރު ދިނެވެ. އޭރު އެހެން ހުހަށް މަންމަ ހުންނަތާ ދެ އަހަރުވެސް ވެފައި ވުމުން އެ ތިންކުދިން ވެސް މަންމައަށް އެކަމުގައި އެއްބާރުލުން ދިނެވެ.
މޫސައާ ނަވާރުގެ މަންމަ އިނީ ވަރަށް ގިނަ ޝަރުތުތަކަކާ އެކުގައެވެ. އެހެންނަމަވެސް މޫސަވީ މުށްބާރު ރުޅިގަދަ މީހަކަށެވެ. ކައިވެނީގެ ކުރިން ދެއްކި އެއްވެސް ވާހަކައަކަށް މޫސަ އަމަލެއް ނުކުރެއެވެ. އެންމެ ފަހުން ނަވާރުގެ މަންމަ މޫސަ ކައިރިން ވަރިވީ އެއްދުވަހަކު ނަވާރުގެ ކޮއްކޮގެ ބުރަކަށީގައި އިލޮށިފައްޗަކުން ޖެހިތަން ފެނުމުންނެވެ. އޭގެ ފަހުން ވެސް ނަވާރުގެ މަންމަ މީހަކާ ނީނދެ ފަސް އަހަރު ހުއްޓެވެ.
ހާމިދާ ނަވާރުގެ މަންމަ އިނީ ހާމިދުގެ ހެޔޮލަފާކަމާ ރަނގަޅުކަން ފެނި ޔަގީންވުމުންނެވެ. ނަވާރުމެން ހީކުރިގޮތަށް ހާމިދު ވީ އެކުދިންނަށް އަޅާލާ ރަނގަޅު މީހަކަށެވެ. ހާމިދު ނަވާރުގެ މަންމައާ އިނީ ނަވާރު އޭލެވެލްގައި ކިޔަވަމުން ދިޔަ ދުވަސްވަރުއެވެ. އޭލެވެލްއިން މުޅިރާއްޖެއިން އެއްވަނަ ލިބި ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޯލަރޝިޕް ލިބުމުން ނަވާރު ރާއްޖެއިން ބޭރަށް މެޑިސިންގ ހަދަން ފުރައިގެން ދިޔައީއެވެ. އޭރު ހާމިދާއި ނަވާރުގެ މަންމަ، ނަވާރުގެ ކޮއްކޮމެންނާ އެކު ރަނގަޅު ތަނަވަސް ދިރިއުޅުމެއް އުޅެމުން ދިޔައެވެ.
ކިޔަވަން ނަވާރު ފުރިފަހުން ރާއްޖެ އައީ ތިންފަހަރެވެ. ކޮންމެ އަހަރަކު ލިބޭ ޗުއްޓީގައި ރާއްޖެ އައުން ވީ ނަވާރަށް ފަސޭހަކަމަކަށެއް ނޫނެވެ. އެހެންކަމުން ހާމިދާ އެކު ނަވާރަށް އުޅެވުނީ މަދު ދުވަސްކޮޅަކުއެވެ. ނަވާރުގެ ކިޔެވުމުގެ ހަތަރުވަނަ އަހަރު ހާމިދު ކުއްލިގޮތަކަށް ނިޔާވުމުން ނަވާރުވެސް ވަރަށް ދެރަވިއެވެ. ސަބަބަކީ ހާމިދު ކަހަލަ ހެޔޮ ރަނގަޅު ދޮންބައްޕައަކު ދެން ލިބުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ނަވާރަށް އެނގޭތީއެވެ. ޚުދު މަންމަގެ ދުލުން ވެސް ދޮންބައްޕައަށް އަބަދުވެސް ތަޢުރީފް ކުރެއެވެ. އެއީ މޫސައާ އިނދެގެން އުޅުނުއިރު ދުވަހަކުވެސް ނަވާރު އެހި ފަދަ ވާހަކަތަކެއް ނޫނެވެ. އެހެންކަމުން ނަވާރުގެ ހިތުގައި ހާމިދަށް ޖެހިފައިވަނީ ދޮންބައްޕައަކަށްވުރެ ގާތް ކުލުނެކެވެ.
ނަވާރުގެ މަންމަ ބުނިގޮތުން ހާމިދުގެ ކުރީބަނޑުގައި ވަރަށް ބަސްނާހާ އުޅުން ގޯސް އަންހެންކުއްޖަކު ހުއްޓެވެ. އޭނާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރިކަން ހާމިދަށް އެނގުމުން އެކަމާ މާބޮޑަށް ވިސްނީއެވެ. ހާމިދު ނިޔާވީ އެރޭ ނިދަން އޮއްވާ މެއަށް ތަދެއް އަރާ ނޭވާ ނުލެވި ހާސްވެގެން އުޅުމުގެ ތެރޭގައެވެ. ޑޮކްޓަރުން ނިންމީ ހާމިދަށް ހާޓްއެޓޭކެއް ޖެހުނީކަމަށެވެ. އެ ދުވަހު ނަވާރުގެ މަންމަ ވަރަށް ރުޔެވެ. ހާމިދުގެ ވަކިވެ ދިއުމާ ހެދި ވަރަށް ހިތާމަ ކުރިއެވެ. އެތައް ދުވަހެއް ވަންދެނެވެ.
ނަވާރުގެ މަންމަގެ އުމުރުން އަދި ވެސް ފަންސާސް ވެސް ނުވެއެވެ. އެކަމަކު ހާމިދު ނިޔާވުމަށްފަހު ނަވާރުގެ މަންމަ މީހަކާ އިނުމުގެ ޚިޔާލެއް ނުކުރެއެވެ. ސަބަބަކީ ނަވާރުގެ އެއްބަނޑު ތިންކުދިންގެ ތެރެއިން ވަޒީފާއެއް ނެތި މިހާރު ހުރީ ނަވާރު އެކަނި ކަމަށްވެފައި މަންމައަކީ ވެސް ސްކޫލްގެ މަސައްކަތު މީހަކަށް ވާތީ ފައިސާގެ ގޮތުން ދަތިކަމެއް ނެތީމައެވެ.
ކިޔަވާ ނިމިގެން ނަވާރު މާލެ އައިސް ހަފުތާއެއް ފަހުން ރަށަށް ފުރީ ވަޒީފާއަށް އެދި ކުރަން ޖެހޭކަންކަން ކޮށް ނިންމާލުމަށްފަހުގައެވެ. ރަށުގައި ނަވާރު ހުރީ ފަނަރަވަރަކަށް ދުވަހުއެވެ. އޭގެފަހުން މާލެ އައީ ވަޒީފާގެ ކަންކަން އަވަހަށް ހަމަޖެހޭނެ ކަމުގެ އުންމީދުގައެވެ.
ނަވާރު ފުރޮޅިލިއެވެ. މަޑުމަޑުން ތެދުވެ އައިޝާގެ މޫނަށް ބަލައިލިއެވެ. އޭނަގެ ބައްޕައާ މެދު އެކުއްޖާވެސް ވަރަށް ވިސްނާނެތާއެވެ. އެ މޫނުމަތިން މިހާރުވެސް ނަވާރަށް ފެންނަނީ މަޑުމޮޅިކަމެވެ. އުދާހެވެ.
ތެދުވެގެން ގޮސް ނަވާރު ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. އޭސީ ޖައްސާފައި ހުއްޓަސް ކުޑަދޮރު ހުޅުވައިލާ ބޭރު ބަލައިލިއެވެ. ދުނިޔެއަށް އަނދިރިކަން ވެރިވަނީއެވެ. ރަތްވިލާގެ އަސަރު އުދަރެހުން ފިލާ ދަނީއެވެ. ކަނޑުގައި ކުދި ކުދި ބާނިތައް އުފެދި ތިރިވަމުން ދިޔައެވެ. ފެންނަމުންދިޔަ ހިތްގައިމު އެމަންޒަރަށްވުރެ ބޮޑަށް ނަވާރުގެ ވިސްނުން ދަތުރުކުރަން މަޖުބޫރުކުރީ ކުރިމަތީ އޮތް ރޭގަނޑަށެވެ. މިރޭ ދެން ކަންތައް ކުރާނެ ގޮތަކާމެދުގައެވެ. ބޮލުގައި އެޅިފައިމިވާ މުހިންމު ޒިންމާއާ މެދުގައެވެ. ކާކުކަން ނޭނގޭ މީހަކު އޭނައާ ހަވާލުމިކުރި ކުޑަކުޑަ މައުސޫމު އަންހެންކުއްޖާގެ ބަލަދުވެރިއަކީ، ބެލެނިވެރިއަކީ ކާކުކަން އޭނާ ދެނެގަންނާނެ ގޮތަކާމެދުގައެވެ. ފަހަރެއްގައި އެ ޒުވާނާ... ފާޒިލް އުމުރު ދުވަހުވެސް ޖަލުގައި ހުންނަން ޖެހިދާނެއެވެ. އެހެންކަމަށް ވަންޏާ އައިޝާ ބަލަހައްޓަން ޖެހޭނީ ހަމަ ނަވާރަށް ހެއްޔެވެ! ޚަރަދު ކުރުން އެއީ ނަވާރަށް އުދަނގޫކަމަކަށް ނުވެދާނެއެވެ. އެކަމަކު ވަގުތު ދިނުން ނަވާރަށް އޮންނާނީ ވަރަށް އުދަނގޫކަމަކަށްވެފައެވެ.
މިރޭ ފާޒިލްގެ ކޮޓަރީގައި އައިޝާ އާއެކު ނިދަން އޮންނާކަށް ނަވާރަކަށް ނުކެރޭނެއެވެ. ފަހަރެއްގައި އެ ކޮޓަރީގައި ނަވާރުމެން ނިދަން ތިއްބާ އޭނައާ އެކު އެކަން ކުރާމީހުން އެ ކޮޓަރިއަށް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ. ފަހަރެއްގައި ... ފަހަރެއްގައި އެމީހުން ނަވާރާ ވެސް ދިމާކޮށްފާނެއެވެ. ނުވަތަ ފުލުހުން ފާޒިލް ގޮވައިގެން އެކޮޓަރި ފާސްކުރަން ވެސް އައިސްދާނެއެވެ. އެވަގުތު ނަވާރު އެކޮޓަރީގައި ނިދަން އޮވެއްޖެއްޔާ ދެން ވާނީ ކިހިނެއްހެއްޔެވެ! ފުލުހުން ހީކުރާނީ ކީކޭހެއްޔެވެ! ނަވާރަކީ ފާޒިލް ނުވެސް ދަންނަމީހެކޭ ބުންޏަސް އެކަމަށް ދައްކާނީ ކޮން ހެއްކެއްހެއްޔެވެ! ހިތަށް އައި އެތައް އެއްޗަކުން ނަވާރުގެ ގައިގާ ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން އައެވެ. އޭނާ އެ ކޮޓަރިއަކު ނުނިދާނެއެވެ.
"ދައްތާ!" ނަވާރު ދިޔައީ ސިއްސައިގެންނެވެ.
ވާވް ރީއްޗޭ