ސީބީއައި އިން ބުނެފައިވަނީ ދިރާސާ ކޮށްފައި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.

28 އަހަރު ވަންދެން ކޯޓުގައި ތެޅުވުމަށްފަހު ދީފައިވާ ހުކުމުގައި ބުނަނީ މިމީހުންނާ ދެކޮޅަށް ދައުވާ ސާބިތުކުރަން އެކަށީގެންވާ ހެކި ނެތް ކަމަށެވެ.

މުސްލިމުން ބުނެފައި ވަނީ އެމީހުން ހުށަހެޅި ހެކި ކޯޓުން ބަލައި ނުގަތީ ކަމުގައެވެ.

މިސްކިތްތަޅާ ލުމުގައި ހިމެނޭ ބީޖޭޕީގެ ބޮޑުން:

  • އެލްކޭ އަދަވާނީ، މުރްލީ މަނޯހަރު ޖޯޝީ، އުމާ ބހަރަތީ، ކަލްޔާން ސިންގއާއެކު 32 މީހުން.

އުސްއަލިތައް:

  • މި ހުކުމާ ގުޅިގެން ނިއު ދިއްލީގައި ސަލާމަތީ ފިޔަވަޅު ވަނީ ވަރުގަދަ ކޮށްފައި.

ކޯޓުން ޙުކުމް ކުރުމަށްޓަކައި ތުހުމަތު ކުރެވޭ މީހުން ކޯޓަށް ހާޒިރުވާން އެންގި. ނަމަވެސް މުސްކުޅި ކަމާއި ބައްޔާ ހެދި ބައެއް މީހުން ބައިވެރިވީ ވީޑއޯ ކޮންފަރެންސުން.

އެމް ކޭ ސްޓާލިން:

  • ސީބީއައި އަކީ އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ވެރިން ގެންގުޅޭ ގުރާ ކޮށްޓެއް.

ހައިދަރްއާބާދުގެ މުސްލިމް އެމްޕީ އަސަދުއްދީން އުވެއިސީ:

  • ހިންދޫތުވާ އަށް ތަބާވާ މީހުންގެ ވިސްނުމާއި އެމީހުންގެ ޟަމީރު މިއިން އަންގައިދޭ. 6 ޑިސެމްބަރުގައި މިސްކިތް ތެޅިގެން ދިޔައީ އަމިއްލައަށް ތަ؟ އެތަނަށް މީހުން ވައްދަންވެސް ބަޔަކު ނޫޅުނު ދޯ؟ މި މައްސަލަ އިސްތިއުނާފް ކުރަމް ޖެހޭނެ.

އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯރްޑްގެ އިސް މެމްބަރު މައުލާނާ ޚާލިދު ރަޝީދު:

  • ބުނާނެ އެއްޗެއް ނެތް. 6 ޑިސެމްބަރު 1992 ގައި މިސްކިތް ތަޅާލައި ހުރިހައި ގާނޫނެއްވެސް ފުޑާލާފައި ވަނީ.

ކޮންގްރެސް:

  • އިންޑިއާގެ ޟަމީރެއް އޮތް ކޮންމެ މީހަކުވެސް މިމައްސަލަ އިސްތިއުނާފް ކުރަން ޖެހޭނެ. މި މީހުންގެ ކުށެއް ނެތްކަމަށް ނިންމުމަކީ ސުޕްރީމް ކޯޓުން މިކަމުގައި ނިންމާފައިވާ ނިންމުމާ ފުށުއަރާކަމެއް.

އިގްބާލް އަންސަރީ: (މިިތާގެ ބިމުގެ މައްސަލާގައި ދައުވާ ކުރި މީހާ)

  • މިދިޔަ 9 ނޮވެމްބަރުގައި ސުޕްރީމް ކޯޓުން ވަނީ މިކަމުގައި ބަސް ބުނެފަ. އެންމެންގެ ކުށެއް ނެތްކަމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް. އަހަރެން ބުނާނީ މުސްލިމުން މިކަމުގައި އިތުރަށް ނޫޅެ ދޫކޮށްލާށޭ!

ސީޕީއައި ޗީފް ސިތާރާމް ޔަޗޫރީ:

  • މިއީ އަދުލު އިންސާފަށް ކުރި މަލާމާތެއް. އެތަން ގޮވައިގެން ދިޔައީ އަމިއްލައަށްތަ؟ މަތީ ކޯޓުން ބުނީ އެތަން ތަޅާލުމަކީ ޖަރީމާއެކޭ.

އަދަވާނީ:

  • ސުޕްރީމް ކޯޓުގެ މޮޅު ހުކުމަކާއެކު މި ހުކުމް އައުމުން ހީވަނީ ރަހުމަތެއް ލައިގަތް ހެން. އަހަރެން އަބަދުވެސް ހުވަފެން ދެކެނީ އަޔޯދިޔާގައި ބުދުފައްޅި އެޅުމަށް. އަޔޯދިޔާގެ ފައްޅީގެ މަސައްކަތަށް ތާއީދުކުރި އެންމެނަށް ޝުކުރިއްޔާ.

މަނޯހަރު ޖޯޝީ:

  • ހުރިހައި ހަގީގަތަކަށް ކޯޓުން ބަލައި އަހަރަމެންނަށް ފަހި ހުކުމެއް ދިނީތީ އުފާކުރަން. އަހަރަމެން ހިންގި ކަމަކީ ބުދު ފައްޅި އެޅުމަށް ހިންގި ކަމެއް.

އުމަރު ރަޝީދު (ދައުވާ ކުރި ފަރާތުގެ ވަކީލު):

  • 2،000 ސަފްހާގެ ޙުކުމްގައި ބުނެފައިވަނީ ބާބްރީ މިސްކިތް ތަޅާލުމަކީ ކުރިން ދުރާ ލައި ރާވާގެން ހިންގާފައިވާ ކަމެއް ނޫންކަމަށް.

ކުރިން ސުޕްރީމް ކޯޓުން ބުނީ ކޭކޭ:

  • "މިސްކިތުގެ މުޅި އިމާރާތް ތަޅާ ތިރިކޮށްފައި ވަނީ އަޅުކަން ކުރާ ތަނެއް ހަލާކުކޮށްލުމުގެ ނިޔަތުގައި ރާވާއިގެން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ."

"450 އަހަރު ވަންދެން ހުރި ބިނާއެއް ގައި މުސްލިމުން އަޅުކަން ކުރަމުން ދަނިކޮށް އެމީހުން ވަނީ އެ ތަނުން މަހުރޫމް ކޮށްފައި"

މި ހުކުމް ލިޔުނު ފަސް ގާޒީންގެ ބެންޗުގައި އިސްކޮށް ހުރީ އިންޑިއާގެ އެއިރުގެ ޗީފް ޖަސްޓިސް ރަންޖަން ގޮގޯއި.

1992ގައި ކިތައް މައްސަލަ ހުށަހެޅި؟:

މިސްކިތް ތަޅާލައިގެން ފުލުހަށް ފަސްޓް އިން ފޮމޭޝަން ރިޕޯޓް (އެފްއައިއާރް)ގެ 49 އެފްއައިއާރް ހުށަހެޅުނު. އެއީ ޖުމުލަ ދެ ޖަރީމާއެއްގައި.

  • ފުރަތަމަ ޖަރީމާއަކީ، އެތައް ލައްކަ ހިންދީންގެ މައްޗަށް. އޭގައި އޮތީ، ފޭރުމާއި އަނިޔާ ކުރުމާއި، އަޅުކަން ކުރާ ތަނެއްގެ ހުރުމަތް ކަނޑާލުމާއި، ދެ ދީނެއްގެ މީހުންގެ މެދުގައި އަދާވާތްތެރިކަން އުފެއްދުމުގެ ކުށް.
  • ދެ ވަނަ ޖަރީމާއަކަށް އޮތީ، މީހުންނަށް ހިތްވަރު ދިނުމުގެ މައްޗަށް 8 މީހެއްގެ ނަން ކިޔާފައި. އެއީ އަދަވާނީ އާއި އުމާ ބހާރަތީއާއި، ޕަޓްނާގެ މަނޯހަރު ޖޯޝީއާއި، އަދިވެސް އިތުރު ބައެއް. މި އިން ދެ މީހަކު ވަނީ ނެތި ގޮސްފައި.