ޖަޕާންސް ގްރާންޓް އެސިސްޓެންސް ފޯރ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (GGP) ގެ އެހީގައި ޖަޕާން ސަރުކާރުން ރާއްޖެއަށް ދެމިލިއަން ހަތްސަތޭކަ ނުވަދިހަ ތިންހާސް ދުއިސައްތަ ނުވަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރީގެ އެހީ އެއް ދެއްވައިފިއެވެ.

މިއީ ގއ. މާމެންދޫ ސްކޫލާއި ރ. އަނގޮޅިތީމު ސްކޫލް އަޕްގްރޭޑް ކުރުމަށްޓަކައި ދެއްވި އެހީއެކެވެ.

މި އެހީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ޚާއްސަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ގއ. މާމެންދޫ ސްކޫލްގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ވާރޗުއަލްކޮށް ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް، އާޒިމް ޢަބްދުﷲއެވެ. ޖަޕާން ގެ ފަރާތުން ސޮއިކުރެއްވީ އެމްބެސެޑަރ ޔަނާއީ ކެއިކޯ އެވެ.

ރ. އަނގޮޅިތީމު ސްކޫލްގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް، އަޙްމަދު ޢަބްދުﷲ އެވެ. މި އެއްބަސްވުމުގައި ވެސް ޖަޕާން ގެ ފަރާތުން ސޮއިކުރެއްވީ އެމްބެސެޑަރ ޔަނާއީ ކެއިކޯ އެވެ.

ކޮންމެ ސްކޫލަކަށް ވެސް އެހީގެ ގޮތުގައި ދެއްވާފައިވަނީ އެއް މިލިއަން ތިން ސަތޭކަ ނުވަދިހަ ހަހާސް ހަ ސަތޭކަ ހަތަރު ރުފިޔާ އަށްޑިހަ ދެ ލާރި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ސްކޫލްތަކުގައި ބިނާ ކުރާ ޢިމާރަތްތަކުގެ މަސައްކަތް ކުރިއަށްދާނީ ސްކޫލްތަކާއި ޖަޕާން އެމްބަސީއާއި ގުޅިގެންނެވެ.

ވޭތުވެދިޔަ އަހަރު ތަކުގައިވެސް ޖަޕާނުން ވަނީ ސްކޫލްތައް އަޕްގްރޭޑް ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްބެސެޑަރ ކެއިކޯ ވިދާޅުވިގޮތުގައި ކުރިއަށް އޮތްތާވެސް ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސްކޫލްތަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މިއީ ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެމްބެސެޑަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ޕާރމަނަންޓް ސެކްރެޓަރީ އަޙުމަދު ޢަލީ ވަނީ ޖަޕާނުން މި ދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް، ޖަޕާން އެމްބަސީއަށާއި ޖަޕާނުގެ ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފަ އެވެ.