ކޮޕާ އެމެރިކާގެ ތައްޔާރީތަކުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި މެކްސިކޯ އަތުން 3-2 އިން ބްރެޒިލް މޮޅުވެއްޖެއެވެ.
އެމެެރިކާގެ ދަނޑެއް ކަމުގައިވާ ކައިލް ފިލްޑް ގައި ކުޅުނު މެޗަށް ބްރެޒިލް ނިކުތީ އެ ޓީމުގެ އެންމެ ހުނަރުވެރި ބައެއް ކުޅުންތެރިން ފުރަތަމަ އެގާރައިގައި ނުހިމަނައެވެ. އެ ގޮތުން ބްރެޒިލްގެ ފުރަތަމަ އެގާރައިގައި ވިނީޝިއަސް ޖޫނިއާ, ބްރޫނޯ ގިމަރޭޝް އަދި ރޮޑްރީގޯ ހިމެނިފައެެއް ނުވެއެވެ.
މިއަދު ކުޅުނު މެޗު ބްރެޒިލްއިން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗު ފެށިގެން 5 ވަނަ މިނެޓުގައި ބްރެޒިލް ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ އެ ޓީމުގެ މިޑްފީލްޑަރު އެންޑްރޭސް ޕެރޭރާ ކާމިޔާބު ކުރި ލަނޑެކެވެ. ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އާސެނަލްއަށް ކުޅެމުން އަންނަ ފޯވާޑް ގެބްރިއެލް މާޓިނެއްލީ ވަނީ ލަނޑު ޖަހާ ބްރެޒިލްގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.
މެޗުގެ 73 ވަނަ މިނެޓުގައި މެކްސިކޯގެ ފޯވާޑް ހޫލިއަން ކުއިންނޯންސް ވަނީ ލަނޑު ޖަހާ އެ ޓީމަށް ސުން ކަނޑާލަދީފައެވެ. ގޯލެއް ޖެހުމާއެކު ލިބުނު ހިތްވަރުން މެކްސިކޯ ވަނީ އިތުރު ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ.
މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ގުއިލާމޯ މާޓިނޭޒް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ބްރެޒިލްގެ އަރަމުން އަންނަ ތަރިއެއް ކަމުގައިވާ އެންޑްރިކް ވަނީ ލަނޑު ޖަހާ ބްރެޒިލްގެ ލީޑު އަނބުރާ ރުޖޫއަ ކޮށްފައެވެ. އެންޑްރިކް ފަހު ވަގުތު ޖެހި ލަނޑާއެކު ބްރެޒިލް ވަނީ މެކްސިކޯ ބަލިކޮށް, ކުރިއަށް އޮތް ކޮޕާ އެމެރިކާއަށް އޮތް އުއްމީދު ބޮޑު ކޮށްފައެވެ.
މި ލިބުނު މޮޅާއެކު ދެން ބްރެޒިލް ނިކުންނާނީ 13 ޖޫން ވާ ދުވަހު އެމެރިކާއާ ދެކޮޅަށެވެ. މި އެކުވެރިކަމުގެ މެޗަކީ ކޮޕާ އެމެރިކާގެ ކުރިން ބްރެޒިކް ކުޅޭނެ ފަހު މެޗެވެ.