ފަތުރުވެރިއެއްގެ އަތުން 3،400 ޑޮލަރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކެބިން ކްރޫއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ބ. އަތޮޅުގެ ރިޒޯޓަކަށް ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާތަކެއް އެ ފަތުރުވެރިޔާ ދަތުރު ކުރި ސީޕްލޭންގެ ކެބިން ކްރޫއެއްގެ އަތުން ފެނިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ ފައިސާ ފެނުނީ، ފަތުރުވެރިޔާ އަތުގައި ހުރި ފައިސާގެ ތެރެއިން ބައެއް މަދުވެގެން މައްސަލަ ޖެއްސުމުން، ކްރޫއިންގެ ދަބަސްތައް ބަލަމުން ދަނިކޮށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކެބިން ކްރޫއަކީ 21 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްުޔަރު ކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި 15 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.