ކޮޕާ އެމެރިކާއަށް ތައްޔާރުވުމުގެ ގޮތުން މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގައި އެކުއަޑޯ އަތުން 1-0 އިން ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ މޮޅުވެއްޖެއެވެ.
އެމެރިކާގެ ދަނޑެއް ކަމުގައިވާ ސޯލްޑާ ފީލްޑުގައި ކުޅުނު މެޗަށް އާޖެންޓީނާ ނިކުތީ ފުރަތަމަ އެގާރައިގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ނުހިމަނައެވެ. މި މެޗަށް އާޖެންޓީނާ ނިކުތީ ލައުޓާރޯ މާޓިނޭޒް, ޖޫލިއަން އަލްވަރޭޒް އަދި އޭންޖަލް ޑިމަރިއާ ކުރިއަށް ލައިގެންނެވެ.
ދެ ޓީމުން ވާދަކުރި މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ އާޖެންޓީނާއެވެ. މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 40 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ޑިމަރިއާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މެޗުގައި އެކުއަޑޯގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމަށް ވަނީ މުޅި މެޗުގައި ވެސް އާޖެންޓީނާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވޭ ގޮތް ނުވެފައެވެ. ކޮޕާ އެމެރިކާ ފެށުމަށް ދެ ހަފްތާއަށް ވެފައިވާ އިރު, މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް އެކުއަޑޯގެ ކޯޗަށް ޕްރެޝަރު ވަރަށް ބޮޑެވެ.
މެޗުގައި ލިބިގެންދިޔަ މޮޅާއެކު އާޖެންޓީނާ ދެން ނިކުންނާނީ ގުއަޓެމާލާއާ ދެކޮޅަށެވެ. މި މެޗަކީ ކޮޕާ އެމެރިކާގެ ކުރިން އާޖެންޓީނާ ކުޅޭ އެންމެ ފަހު މެޗެވެ. މި މެޗު ކުޅުމަށް ތާވަލު ކުރެވިފައި ވަނީ 15 ޖޫން ވާ ހޮނިހިރު ދުވަހަށެވެ.