ދުނިޔޭގެ އެންމެ ބޮޑު އެއް ޓެނިސް މުބާރާތް ކަމުގައިވާ ދަ ފްރެންޗް އޯޕެން ނުވަތަ ރޮލަންޑް ގާރޯސްގެ ޗެމްޕިއަންކަން ކާލޯސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ.
އަލްކަރާޒް, މުބާރާތުގެ ޗެމްޕިއަންކަން ހާސިލު ކުރީ ފައިނަލުގައި އެލެކްސެންޑާ ޒްވެރެވް އަތުން ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ފަސް ސެޓަށް ދިގު ދެމިގެންދިޔަ މި ފޯރިގަދަ ފައިނަލުގައި އެންމެ ފުރަތަމަ ސެޓު ކާމިޔާބު ކުރީ އަލްކަރާޒެވެ. އަލްކަރާޒް މި ސެޓު ކާމިޔާބު ކުރީ 6-3 އިންނެވެ.
ފުރަތަމަ ސެޓުގައި އަލްކަރާޒްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ކަމުގައިވިއަސް, ދެވަނަ ސެޓާއި ތިން ވަނަ ސެޓުގައި އޭނާ ފެނިގެންދިޔައީ ވަރަށް ވަރުބަލިކޮށެވެ. މި ކަމުގެ ފައިދާ ނަގަައި ޒްވެރެވް ވަނީ, 6-2 އަދި 7-5 އިން ދެވަނަ އަދި ތިންވަނަ ސެޓު ކާމިޔާބު ކޮށް, މެޗުގެ ނަތީޖާ އޭނާގެ ކޮޅަށް އަނބުރާލާފައެވެ.
ހަތަރު ވަނަ ސެޓުގައި އަލްކަރާޒް ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. މެޗުން ބަލިވާތީ ޕްރެޝަރު ބޮޑުވެފައި އޮތް ކަމުގައިވިއަސް އަލްކަރަޒް ވަނީ ތަފާތު ކުޅުމެއް ދައްކާ 6-1 އިން ސެޓު ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ހަތަރު ވަނަ ސެޓުގައި ފެނިގެންދިޔަ ފޯމުގައި ހުރެ, ޓައި ބްރޭކާ އެއް ގޮތުގައި ކުޅުނު ފަސް ވަނަ ސެޓު 6-2 އިން ކާމިޔާބު ކޮށް އަލްކަރަޒް ވަނީ އޭނާގެ ފުރަތަމަ ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައެވެ.
ފްރެންޗް އޯޕަން ކާމިޔާބު ކުރުމާއެކު އަލްކަރަޒް ވަނީ އެންމެ 21 އަހަރުގައި ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނައަށް ޖެހިލައިފައެވެ. ކުރިން ތިން ވަނައިގައި އޮތް އަލްކަރަޒް އެއްވަނައަށް ޖެހިލީ, ޓެނިސްގެ ލެޖެންޑެއް ކަމުގައިވާ ޖޮކޮވިޗް އަދި ޔެނިކް ސިނާ ފަހަތަށް ޖައްސާލުމަށް ފަހުއެވެ.