މިދިޔަ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީ (އެމްޑީޕީ)ން ރުހުން ނުދޭން ނިންމި ތިން ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

އެ ޕާޓީން ވިޕެއް ނެރެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން ހަތަރު މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ.

އެގޮތުން އެ މަޖިލީހުން ރުހުން ދީފައިނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ބަންޑާރަނާއިބު އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެހެންނަމަވެސް ވިހި ވަނަ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ރުހުން ނުލިބުނު ތިން ވަޒީރުންނަށް ރުހުން ދީފައެވެ.

އެގޮތުން ބަންޑާރަނާއިބު އަހުމަދު އުޝާމަށް ރުހުން ދިނުމަށް މަޖިލީހުގެ 87 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދިނުމަށް 83 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން އޮތްކަމަށް 81 މެންބަރުން ވޯޓު ދީފައިވާއިރު ރުހުން ނެތްކަމަށް 4 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.