ފީފާއިން ބާއްވަން މަސައްކަތް ކުރަމުންދާ ކްލަބު ވޯލްޑް ކަޕުގައި ރެއާލް މެޑްރިޑް ބައިވެރިނުވާނެ ކަމަށް އެ ކްލަބުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
އެންޗެލޯޓީ މިހެން ބުނީ އިލްޖިއޯނޭލް ނަމަކަށް ކިޔުނު މީޑިއާއަކާ ހަވާލާދީއެވެ. އެންޗެލޯޓީ މިހެން ބުނީ ފީފާއިން ކްލަބު ވޯލްޑް ކަޕު ކުރިން ބާއްވާ ފޯމެޓް ބަދަލުކޮށް, ގިނަ މެޗުތައް ކުޅެން ޖެހޭ ގޮތަށް މުބާރާތް ރޭވުމުންނެވެ.
"ކްލަބް ވޯލްޑް ކަޕުގައި ރެއާލްގެ އެއް ވެސް ބައިވެރިވުމެއް ނުފެންނާނެ. ފީފާއިން އަހަރެމެނަށް އެ މުބާރާތުގައި ކުޅެން ހުށައަޅަނީ އެންމެ 20 މިލިއަން ޑޮލަރު. އެއީ ރެއާލުގެ އެންމެ މެޗަކުން ލިބޭހާ ކުޑަ އަދަދެއް. ކްލަބު ވޯލްޑް ކަޕުގައި ރެއާލް ވެސް އަދި އެހެން ކްލަބުތައް ވެސް ބައިވެރިއެއް ނުވާނެ" ކްލަބު ވޯލްޑް ކަޕުގައި ރެއާލަ ބައިވެރިނުވާނެ ކަމަށް ހާމަކުރަމުން އެންޗެލޯޓީ ބުންޏެވެ.
ކްލަބު ވޯލްޑް ކަޕު އެންމެ ފުރަތަމަ ކުޅެވިގެންދިޔައީ 2000 ވަނަ އަހަރުއެވެ. ކްލަބު ވޯލްޑް ކަޕުގައި ކުރިން ވާދަކުރަނީ އެންމެ ހަތް ޓީމެވެ. އެއީ ކޮންމެ ބައްރެއްގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާ ޓީމެވެ.
ކްލަބު ވޯލްޑް ކަޕަކީ ވަރަށް މަދު ޓީމުތަކަކުން ވާދަކުރާ މުބާރާތަކަށް ވާތީ ފީފާއިން ވަނީ އެ މުބާރާތުގެ ފޯމެޓް ބަދަލުކޮށް 32 ޓީމަށް މުބާރާތުން ޖާގަ ދިނުމަށް ނިންމާފައެވެ. އޭގެ އިތުރުން ކުރިން ކޮންމެ އަހަރަކު ބާއްވާ މުބާރާތް, ކޮންމެ 4 އަހަރަކުން އެއް ފަހަރު ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ. ފީފާއިން ހާމަ ކުރާ ގޮތުގައި މި ބަދަލުތަކަކީ ކްލަބު ވޯލްޑް ކަޕުގެ ޝަރަފު އިތުރަށް މަތި ކުރުމަށް ގެނައި ބަދަލުތަކެކެވެ.
މި ބަދަލުތަކަކީ ކްލަބު ވޯލްޑް ކަޕުގެ ޝަރަފު މަތި ކުރަން ގެނައި ބަދަލުތަކެއް ކަމަށް ފީފާއިން ހާމަ ކުރިކަމުގައިވިއަސް, ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ބަދަލުތަކަކީ ފީފާއަށް އިތުރު ފައިސާ ހޯދުމަށް ޓަކައި ޖައްސާލި "ސްޓަންޓް" އެކެވެ. މިހާރު ވެސް ސީޒަނެއްގެ މައްޗަށް 70 މެޗު ކުޅެން ޖެހޭ އިރު, ކުޅުންތެރިންގެ ދުޅަހެޔޮކަމާ މެދު އެއް ވެސް ވަރަކަށް ފީފާއިން ނުވިސްނާ ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ, ފީފާއަށް ފާޑު ކިޔަމުންނެވެ.