އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ށ. ފޯކައިދޫ ސްކޫލުގެ ބެލެނިވެރިންނަށް ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަނަކީ ފޯކައިދޫ ފޮލިސް ސްޓޭޝަނާއި އެ ރަށުގެ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި މަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސެޝަނުގައި ވަނީ, އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތަކާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށް, އެ ކުށްތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކުގެ މައްޗަށް އަލި އަޅުވާލާފައެވެ. ދަރިން އިންޓަނެޓު ބޭނުން ކުރާއިރު އެ ކުދިންގެ ސަލާމަތަށް ޓަކައި ބެލެނިވެރިން ސަމާލުކަން ދޭން ޖެހޭ ކަންކަން ވެސް މި ސެޝަނުގައި ވަނީ ހިއްސާ ކޮށްފައެވެ.
މި ސެޝަނުގައި ވަނީ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި ކަން ކުރަން ޖެހޭނެ ގޮތްތައް ބެލެނިވެރިންނާ ހިއްސާ ކޮށްފައެވެ. އޭގެ އިތުރުން މި ޒަމާނުގައި އާއްމުވެފައިވާ އެކި އެކި ސައިބާ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ވަނީ މައުލޫމާތު ދީފައެވެ.
ފޯކައިދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ, އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތަކުން އާއްމުން ރައްކާތެރި ކުރުމަށް ޓަކައި ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ސެޝަންތަކުގެ ތެރެއިން ސެޝަނެކެވެ.