އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަންވާނީ ވަރަށް ވިސްނާފައި ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި އޮތީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު އެޖެންޑާކޮށްފައެވެ.
މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.
މި ބިލަށް ބަހުސް ކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ގާސިމް ވަނީ ބިލާއި މެދު ހިއްހަމަ ނުޖެހޭ ފަދަ ވާހަކަ ދައްކާފައެވެ. މިގޮތުން ގާސިމް ވިދާޅުވެފައިވަނީ މި ފަދަ ބިލެއް ފާސް ކުރުމުގެ ކުރިން މިކަމާއި މެދު ވަރަށް ފުން ކޮށް ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރަން ގާނޫނު އިސްލާހުކުރަން އެމްޑީޕީން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޕިއެންސީގެ މިހާރުގެ ވެރިކަން ނިންމާލުމުގެ ނިޔަތުގައި ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. މީގެއިތުރުން ޔަހޫދީންނަކީ މާﷲ ފޮނުއްވެވި ބައެއް ރަސޫލުންނަށް އީމާންވާ ބައެއް ކަމަށްވާތީވެސް މިކަމާއި މެދު ވިސްނަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެއީ އެއްގޮތަކަށް ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވަމުންދާ ނިކަމެތިކަމާ މެދު ނުވިސްނާތީއެއް ނޫން. މިއަދު މި ދިވެހި މެންބަރުން ނިންމާ ނިންމުން ވާންވާނީ ދިވެހިރާއްޖޭގެ މުސްތަގުބަލަށާއި އަޅުގަނޑުމެންގެ ސަލާމަތްކަމާއި ރައްކާތެރިކަމަށް ވިސްނައިގެން. ސަލާމަތުން ތިބެގެން ނޫނީ އެއްވެސް ކަމެއް ނުކުރެވޭނެ" ގާސިމް ވިދާޅުވިއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.