އިންޑޮނޭޝިއާގައި, ވިހެއުމަށްފަހު ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހޭ މަންމައިންނަށް މެޓާނިޓީ ލީވް ދިގު ކޮށްފިއެވެ.
މި ގާނޫނަކީ އިންޑޮނޭޝިއާގެ ސަރުކާރުން އެ ގައުމުގެ ދަށްވަމުން އަންނަ ފާޓިލިޓީ ރޭޓާއި ކުދިންގެ ހެދިބޮޑުވުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ޓަކައި ތައާރަފު ކުރި ގާނޫނެކެވެ.
މި ގާނޫނުގެ ދަށުން މަންމައަށް ނުވަތަ ދަރިއަށް އެއް ވެސް ސިއްހީ މައްސަލެއް ކުރިމަތިވެފައިވާ ނަމަ, މަންމައަށް ގިނަ ވެގެން ހަ މަހަށް މެޓާނިޓީ ލީވް ދިގުކުރަން ކުންފުނިތަކަށް ޖެހޭނެއެވެ. މި ހަ މަހުގެ ފުރަތަމަ ހަތަރު މަހަކީ ފުލީ ޕެއިޑް ލީވްއަކަށް ވިއަސް, ދެން އޮތް ދެ މަހުގައި ލިބޭނީ މުސާރައިގެ 75 އިންސައްތައެވެ.
އިންޑޮނޭޝިއާގެ ސިވިލް ރައިޓްސް ޖަމިއްޔާތަކުން އަންނަނީ ހުރިހާ މަންމައިންނަށް ފުލީ ޕެއިޑް ހަ މަހުގެ މެޓާނިޓީ ލީވް ދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް, އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރާ މިނިސްޓްރީގެ ޖެންޑާ އީކުއަލިޓީގެ އެކްޓިން ޑެޕިއުޓީ އިންޑްރާ ގުނަވަން ވަނީ އެގޮތަށް ގާނޫނު ބަދަލު ނުކުރެވޭނެ ކަމަށް ހާމަކޮށްފައެވެ.
"އަހަރެމެން ބޭނުންވި ހުރިހާ މަންމައިންނަށް ހަ މަހުގެ ފުލް ޕެއިޑް މެޓާނިޓީ ލީވް ދޭން. އެކަމަކު އޭރަށް ބައެއް ކުންފުނިތަކުން އަންހެނުންނަށް ވަޒީފާ ދޭން ދެކޮޅު ހަދާފާނެ. ގާނޫނު މިހާރު ހަދާފައި އެ އޮތީ ހުރިހާ ފަރާތްތަކަށް އެންމެ ފައިދާ ވާނެ ގޮތަށް" މެޓާނިޓީ ލީވް ހުރިހާ މަންމައިންނަށް ދިގު ނުކުރާ ސަބަބު ހާމަކުރަމުން އިންޑްރާ ބުންޏެވެ.
އިންޑޮނޭޝިއާގެ ދަށްވަމުން އަންނަ ފާޓިލިޓީ ރޭޓް މަތި ކުރުމަށް ޓަކައި މަންމައިންގެ މެޓާނިޓީ ލީވް ދިގު ކުރުމުގެ އިތުރުން, އެ ގައުމުގެ ސަރުކާރުން ވަނީ ބައްޕައިންގެ ޕެޓާނިޓީ ލީވް ވެސް ދެ ދުވަހުން ފަސް ދުވަހަށް އިތުރު ކޮށްފައެވެ.