ޔަހޫދީންނާއި ނަސާރާއިން ތިބީ ބާވާލެއްވި ދީނެއްގައެއް ނޫން ކަމަށް ޝެއިހް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝެއިހް ސަމީރު މިފަދައިން ވިދާޅުވީ އެމަނިކުފާޏުގެ އެކްސް އެކަައުންޓުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޝެއިހް ވިދާޅުވީ މާތް الله ބާވައިލެއްވީ އެންމެ ދީނެއް ކަމަށާއި އެކަލާނގެ ޙަޟްރަތުގައި ޤަބޫލު ކުރެވޭނީވެސް އެންމެ ދީނެއް ކަމަށެވެ އަދި. އެއީ އިސްލާމް ދީން ކަމަށެވެ. އަދި އެންމެހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ދީނަކީ އެއީ ކަމަށެއެވެ. އެހެންކަމުން ޔަހޫދީންނާއި ނަޞާރާއިން ވަނީ ބާވައިލެއްވި ދީނެއްގައެއް ނޫންކަމަށެވެ.
ޝެއިހް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު ވިހި ވަނަ މަޖިލީހުގެ 4 ވަނަ ޖަލްސާގައި ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގެ ރައްދުގައި ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ. މިއަދުގެ މަޖިލީހުގައި ގާސިމްވިދާޅުވީ އިޒްރޭލުގެ ނޭޝަނަލިޓީ އޮތް މީހަކު އަޅުގަނޑުމެން ރާއްޖެއަށް ނާދެވޭ ގޮތް ހަދާއިރު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އެއީ އިޒްރޭލުންނަކީ ޔަހޫދީން ކަމުގައިވާއިރު، ޔަހޫދީންނަކީ މާތްﷲ ބާވާލައްވައިފައިވާ ދީނެއްގައި ރަސޫލުންނަށް އީމާންވާ ބައެއްކަމުގައި ވާތީއެވެ.
މިއަދުގެ މަޖިލީހުގައި އިޒްރޭލުންގެ ޕާސްޕޯޓު މަނާ ކުރުމާއި ބެހޭ ގޮތުން ވާހަކަ ދެކެވިފައިވާއިރު، ގާސިމް ވާހަކަދައްކަވާފައިވަނީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާއި ދެކޮޅުހަދާ ފަދަ ގޮތަކަށެވެ.