އިންގްލެންޑްގެ ދެކުނުއިރުމަތީ ކައުންޓީއެއް ކަމަށްވާ ކެންޓުން އެންމެ ފުރަތަމަ ފެނުނު ކޮރޯނާވައިރަސްގެ އާވޭރިއެންޓް މުޅި ދުނިޔެއަށް ފެތުރޭނެ ކަމަށް ބެލެވޭ ކަމަށް ޔޫކޭއިން ބުނެފިއެވެ.
ޔޫކޭގެ ޖެނެޓިކް ސާވެއިލެންސް ޕްރޮގްރާމްގެ ވެރިޔާ ސެރޮން ޕީކޮކް ވިދާޅުވީ، މުޅި ދުނިޔެއަށް ފެތުރުމުގެ އިތުރުން ދުނިޔޭގެ އެންމެ ގިނަ މީހުންނަށް ބަލިޖައްސާ ވައިރަސްއަކަށް މި ވޭރިއެންޓް ވެދާނެ ކަމަށް މިހާރު ބެލެވިފައިވާ ކަމަށެވެ.
ޔޫކޭއިން މިކަން ހާމަކޮށްފައި މިވަނީ، ކޮވިޑް-19 ބަލިޖައްސާ ވައިރަސް މިއުޓޭޓްވެ، އެތައް ވޭރިއެންޓެއް އުފެދެމުންދާތީ އެކަމުގެ ކަންބޮޑުވުން މުޅި ދުނިޔޭގައި ފެތުރެމުން ދަނިކޮށެވެ.
ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓް އިންގްލެންޑްގެ ކެންޓުން އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ބީ.1.1.7 ގެ ނަމުން ނަންދީފައިވާ މި ވޭރިއެންޓް މިހާތަނަށް ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުން ފެނިފައި ވެއެވެ.
ކޮވިޑް-19 ބަލި ޖައްސާ ވައިރަސްއަށްވުރެ ޔޫކޭއިން ފެނިފައިވާ ވޭރިއެންޓް %30 ނުރައްކާ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.
މި ވޭރިއެންޓްގެ ސަބަބުން މީހުންގެ މެދުގައި ބާރު ސްޕީޑްގައި ބަލި ފެތުރޭން ފެށުމުން މުޅި ޔޫކޭ މިހާރުވަނީ ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އަދި މި ވޭރިއެންޓްގެ ސަބަބުން ދުނިޔޭގެ ހުރިހާ ބިތަކަށް ކަންބޮޑުވުން ފެތުރިގެން ގޮސްފައި ވެއެވެ.
ކޮވިޑް-19 ޖެނޮމިކްސް ޔޫކޭ ކޮންސޯޓިއަމްގެ ޑިރެކްޓަރ ޝެރޮން ޕީކޮކް ވިދާޅުވީ، މުޅި ޔޫކޭއަށް ފެތުރުމަށްފަހު ކެންޓް ވޭރިއެންޓް މިހާރު އުޅެނީ މުޅި ދުނިޔެއަށް ފެތުރުމުގެ މަގުމަތީގައި ކަމަށެވެ.
މިހާރު އުފައްދާފައިވާ ވެކްސިންތައް، ޔޫކޭ ވޭރިއެންޓާއި އަދި ދެންވެސް ފެނިފައިވާ ވޭރިއެންޓްތަކުން ދިފާއުކޮށްދޭކަން ހާމަވެފައި ވީނަމަވެސް، މި ވޭރިއެންޓް އިތުރަށް މިއުޓޭޓްވެ ވެކްސިނަށް ދީލާނުލުމުގެ ފުރުސަތުވެސް އެބައޮތް ކަމުގެ އިންޒާރު ޝެރޮން ޕީކޮކް ދެއްވާފައި ވެއެވެ.