މާތްކަމާއި ބަރަކާތުން ފުރިގެންވާ ދުވަސްތަކެއް އަޅުގަނޑުމެންނާއި ކުރިމަތިލައިފިއެވެ. އަޅުގަނޑުމެން މިހާރު އުޅެމުން މި ގެންދަނީ އެ ދުވަސްތަކުގެ ތެރޭގައެވެ. ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހެވެ.
މި ދުވަސް ވަރު، 3 މިލިއަނާ ގާތްކުރާ ޢަދަދަކަށް މުސްލިމުން ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ޖަމާވެފައެވެ.
ޙައްޖު ދުވަސް، ނުވަތަ ޢަރަފާތްދުވަހަކީ، ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ.
އެއީ ދުވަސްތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަހެވެ. އެދުވަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް އެއްވެ ތިބޭ މީހުންނަށް ﷲގެ ރަޙްމަތާއި ފާފަފުއްސެވުން އޮއްސަވައެވެ.
އެ ބިމުގައި މި މާތް ދުވަހުގައި ހުރުމުގެ ނަޞީބު ލިބިފައިނުވާ މީހުންނަށް އޮތީ މި ދުވަހު ރޯދަ ހިފުމެވެ.
ޢަރަފާތްދުވަހުގެ ރޯދައާ ބެހޭގޮތުން ސުވާލު ކުރެވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ
"(ޢަރަފާތްދުވަހުގެ ރޯދަ) ފާއިތުވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެދެއެވެ."
މިއީ އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ގޮވާލަމެވެ. އަދި އޭގެ އިތުރަށް ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނާއި އަދި އެނޫން މީހުންނަށްވެސް މިދުވަހުގެ ރޯދަހިފުމަށް އިރުޝާދު ދެއްވާށެވެ.
ހިޖުރީ ސަނަތުން 1439 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 ވާ ހޯމަ ދުވަހެވެ.
ހެޔޮ ކަމަކަށް އަމުރު ކޮށްފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ.
އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކަވާށެވެ.
އީމެއިލް ކުރައްވާށެވެ. އެސްއެމްއެސް ފޮނުއްވާށެވެ. ފޯނުން ގުޅުއްވާށެވެ. ފޭސްބުކްގެ ވޯލްގައި ލިޔުއްވާށެވެ!
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން.
ނޯޓް: މިއީ"ދި އިސްލާމް.ކޮމް" ގައި އައްޝައިޚް މުޙައްމަދު އަނީލް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.