އިންޖަރީގެ ސަބަބުން ހުނަރުވެރި މިޑްފީލްޑަރު ފްރޭންކީ ޑިޔޮންގް ނެދަލޭންޑްސްގެ ސްކޮޑު ދޫކޮށްލައިފިއެވެ.

ޑިޔޮންގެ އިންޖަރީ ވެފައިވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބާސެލޯނާއާ ރެއާލް މެޑްރިޑް ވާދަކުރި މެޗުގައެވެ. އޭގެ ފަހުން ޑިޔޮންގް އެއް ވެސް މެޗެއް ކުޅެފައިނުވާ ކަމުގައިވިއަސް, ނެދަލޭންޑްސްގެ ކޯޗު ރޮނަލްޑް ކޯމަން ވަނީ އޭނާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނާފައެވެ.

ޔޫރޯ ފެށެން ވާ އިރަށް ރަނގަޅު ވާނެ ކަމަށް އުއްމީދު ކޮށްގެން ހުރި ކަމުގައިވިއަސް, ޑިޔޮންގްގެ އިންޖަރީ އެހާއިރަށް ވާ އިރަށް ރަނގަޅު ނުވާނެ ކަމަށާއި އޭނާއަށް ޔޫރޯގައި ނުކުޅެވޭނެ ކަމަށް ޑަކުޓަރުން ވަނީ ހާމަކޮށްފައެވެ. ޔޫރޯގައި ނެދަލޭންޑްސް ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލުމުން ޑިޔޮންގް ވަނީ އެކަމާ މެދު ހިތާމަ ފާޅުކޮށްފައެވެ.

"އަހަރެން ވަރަށް ދެރަވެ ޔޫރޯގައި ކުޅުމުގެ ފުރުސަތު ގެއްލުނީމަ. ވަރަށް ބުރަކޮށް މަސައްކަތް ކުރިން ޔޫރޯއަށް އިންޖަރީ ރަނގަޅު ކުރުމަށް ޓަކައި. މި އިންޖަރީ ރަނގަޅު ވާން ހީކުރި ވަރަށް ވުރެ ގިނަ ދުވަސް ބޭނުންވޭ" ނެދަލޭންޑްސްގެ ސްކޮޑު ދޫކޮށްލުމާ ބެހޭ ގޮތުން ޑިޔޮންގް ސޯޝަލް މީޑިއާގައި ބުންޏެވެ.

ޑިޔޮންގް ސްކޮޑުން ވަކިވުމާއެކު ނެދަލޭންޑްސް ވަނީ މި ސީޒަނުގައި ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު އިއަން މާޓްސަން ނަގާފައެވެ.

ޔޫރޯގައި ނެދަލޭންޑްސް އެންމެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައިވަނީ 16 ޖޫން ވާ ދުވަހުއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނެދަލޭންޑްސް ނިކުންނާނީ ޕޮލޭންޑާ ދެކޮޅަށެވެ.