އެޕަލްގެ ވަސީލަތްތަކަށް ޗެޓްޖީޕީޓީގެ ފީޗާސްތައް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ދުނިޔޭގައި ހަލުވި ގޮތެއްގައި ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖަންސް, އެޕަލްގެ ވަސީލަތްތަކަށް ގެނައުމަށް ޓަކައި އެ ކުންފުނި އަންނަނީ ޗެޓްޖީޕީޓީގެ އުފެއްދުންތެރިން ކަމުގައިވާ އޯޕެންއޭއައިއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އޯޕެންއޭއައިއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެޕަލްއިން ހާމަ ކުރީ, ހޯމަ ދުވަހު އެ ކުންފުނިން ބޭއްވި ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފެރެންސްގައެވެ.

އޯޕެންއޭއައިއާ ގުޅިގެން އާޓިފިޝަލް އިންޓެލިޖަންސް އެޕަލްގެ ވަސީލަތްތަކަށް ގެނައުމަށް ޓަކައި އެޕަލްއިން ކުރާ މަސައްކަތަކީ މުޅިން އަލަށް އެ ކުންފުނިން ކުރަމުން އަންނަ ކަމެކެވެ. އޯޕެންއޭއައިގެ އާޓިފިޝަލް އިންޓެލިޖަންސްގެ ފީޗާސްތައް އެޕަލްގެ ވޮއިސް އެސިސްޓެންޓު ކަމުގައިވާ ސީރީއަށް ޕްރޮގްރާމް ކުރުމަށް އެޕަލްއިން ވަނީ ރާވާފައެވެ.

އެޕަލްގެ ވަސީލަތްތަކަށް އޯޕެންއޭއައިގެ އާޓިފިޝަލް އިންޓެލިޖަންސް ތައާރަފު ކުރުމުގެ އިތުރުން, އެޕަލްއިން އަންނަނީ އެ ކުންފުނީގެ އަމިއްލަ އާޓިފިޝަލް އިންޓެލިޖަންސް ސޮފްޓްވެއާއެއް އުފައްދަމުންނެވެ. އެޕަލްއިން ހާމަ ކުރާ ގޮތުގައި "އެޕަލް އިންޓެލިޖަންސް" ގެ ނަމުގައި ނެރޭ މި ސޮފްޓްވެއާގެ ފީޗާސްތައް ތައާރަފު ކުރާނީ މި އަހަރުގެ ނިމޭ ކޮޅުގައެވެ.