ލިވަޕޫލުގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް އެ ކްލަބުގެ ފޯވާޑް ލުއިސް ޑިއާޒް ހާމަކޮށްފިއެވެ.

ޑިއާޒް މިހެން ބުނެފައިވަނީ, އޭނާގެ ކުރިމަގާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ދަނޑިވަޅެއްގައެވެ. އެމެރިކާ އަތުން 5-1 އިން ކޮލަމްބިއާ މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ޑިއާޒް ހާމަކުރި ގޮތުގައި ލިވަޕޫލު ދޫކޮށްލުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެއެވެ.

" އަހަރެން އަބަދު ވެސް ކުޅެން ބޭނުންވި ކްލަބެއް ލިވަޕޫލަކީ. އަހަރެން މި ކްލަބުގައި މި ހުރީ ވަރަށް ހިތްހަމަޖެހިގެން. އެހެން ކްލަބަކާ ގުޅުމުގެ ވިސްނުމެއް އަހަރެންގެ އަދި ނެތް " .
ޑިއާޒްގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަދައްކަމުން އޭނާ ހާމަކުރިއެވެ

ޑިއާޒްގެ ސޮއި ހޯދުމަށް ޓަކައި އޮފިޝަލް ގޮތެއްގައި އެއް ވެސް ކްލަބަކުން މަސައްކަތް ކޮށްފައިނުވިއަސް, އޭނާ ގެނައުމަށް ޔޫރަޕުގެ ބޮޑެތި ބައެއް ކްލަބުތަކުން ބޭނުންވާކަމަށް މީޑިއާ ތަކުން ހާމަކުރެއެވެ.

2022 ވަނަ އަހަރު ޕޯޓޯއިން ލިވަޕޫލަށް ގުޅުނު ޑިއާޒް ވަނީ އެ ކްލަބަށް 72 މެޗު ކުޅެދީ 18 ލަނޑު ކާމިޔާބު ކޮށްފައެވެ. ޑިއާޒް މި ވަގުތު ހުރީ ކޮލަމްބިއާގެ ގައުމީ ޓީމާއެކު ކުރިއަށް އޮތް ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ތައްޔާރީތައް ވުމުގައެވެ.