ނ އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ މަނަދޫގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާޓަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ މިލަދޫއިން ޑިންގީއެއްގައި މަނަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން އެރަށު ޕޮލިސް ޕޯސްޓާއި މަނަދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެ ޑިންގީ މަނަދުއާ ގާތްކުރުމުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ ވެލިދޫ ޕޮލިސް ސްޓޭޝަނުން މި މަހު 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށުގެ އާންމު ބައެއް ތަންތަން ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހުރި 433 ރަބަރު ޕެކެޓު، ޖޫސްޕެޓީ ސައިޒުގެ ތިން ކޮތަޅު އަދި ފިލްމު ހުސްކުރި ދަޅެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.