ތަފާތު އެކި ހަރަކާތްތަކާއެކު ހުޅުމާލޭގައި ކުލަގަދަކޮށް އަޟްހާ އީދު ފާހަގަކުރުމުގެ އެޗްޑީސީއިން ތައްޔާރީތައް ފަށައިފިއެވެ.

"މައި ހުޅުމާލެ އީދު އުފާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ހާއްސަ އިވެންޓަކީ ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ އިވެންޓެކެވެ. މި ކުލަގަދަ އިވެންޓުގައި ދިވެހިންގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ އެކިއެކި ހަރަކާތްތަކާއި ކުޅިވަރުތައް ފެނިގެންދާނެއެވެ.

އަޟްހާ އީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު އީދު ވެދުމާދިއުމުގެ ފޯރިގަދަ ހަރަކާތުންނެވެ.

މި އަހަރުގެ އަޟްހާ އީދުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބޮޑު ޖަމާއަށް ކުރުމަށް ސިންތެޓިކް ޓްރެކް ހަމަޖެހިފައިވާ އިރު, ދެވަނަ ފިޔަވަހީގައި ބޮޑު ޖަމާއަތް އޮންނާނީ އެ ސަރަހައްދުގެ ކްރިކެޓް ސްޓޭޑިއަމްގައެވެ. އީދު ނަމާދަށްފަހު ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެއެވެ.

މީގެއިތުރުން 16 އަދި 17 ޖޫން ވާ ދެ ދުވަހު ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ކުޅިވަރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި ބޮޑު މަސް ދުއްވުން, މާލި އެރުން އަދި ކޯޑިކެޑުން ފަދަ ކަންކަން ހިމެނެއެވެ.

އަދި އީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާ އެރުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެއެވެ. އޭގެ އިތުރުން ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށައަޅައިދޭ ދިރާގު އީދު ޝޯ ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އީދުގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ, ނަސީބުގަދަ އެއް ފަރާތަކަށް ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއާރ ބްލޭޑެއް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

މި އަހަރުގެ އަޟްހާ އީދު ކުލަގަދަ ކޮށް ފާހަގަކުރުމަށް ގެންދާ މި އިވެންޓުގެ ޓައިޓަލް ސްޕޮންސާއަކީ ދިރާގެވެ. ގޯލްޑް ސްޕޮންސާގެ ގޮތުގައި ހަމަޖެހިފައިވަނީ ޝީޝާ މޯލްޑިވްސްއެވެ.