ނުސިރާތު ހަމަލާގައި އެމެރިކާގެ އެހީ ފޯރުކޮށްދޭން ހެދި ފާލަމުގެ ބައިވެރިވުމެއް ވޭތޯބަލަނީ

ހޮނިހިރު ދުވަހު އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންގައި ނުސިރާތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި، ޣައްޒާގައި އެމެރިކާ އިން ހިންގާ އެހީ ފޯރުކޮއްދޭ ފާލަން ޕްރޮޖެކްޓްގެ އެއްވެސް ބައިވެރިވުމެއްވޭތޯ އދ. ގެ ރިވިއުއަކުން ބަލަމުން އަންނަ ކަމަށް އދ. ގެ އިންސާނީ އެހީގެ ވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވެއްޖެެވެ.

މިހެން އޭނާ ވިދާޅުވީ އަންގާރަ ދުވަހު އުރުދުންގައި ޣައްޒާއާ ބެހޭ ގޮތުން ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުންނެވެ.

ފާލަން ނުވަތަ ޕިއަރ މެދުވެރިކޮށް ޣައްޒާއަށް ގެންނަ އެހީ ބެހުމުގެ ކަންކަން ބަލަހައްޓަމުން އަންނަ އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ނުސީރަތު ހަމަލާއަށްފަހު އިއުލާނުކޮށްފައިވަނީ އެހީދޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އަލުން އެސެސްކުރާއިރު ފާލަމުގަ ހިމެނޭ އޮޕަރޭޝަންތައް މެދުކަނޑާލަމުންދާ ކަމަށެވެ.

އެމެރިކާގެ ޕިއަރ ޕްރޮޖެކްޓަށް އިޝާރާތް ކުރައްވައި ގްރިފިތްސް ވިދާޅުވީ އެ ތުހުމަތުތަކަކީ ހަގީގަތެއް ނަމަ އެއީ ވަރަށް ކަންބޮޑުވާ ވާހަކަތަކެއް ކަމަށާއި އެއީ މުސްތަގުބަލުގައި އިންސާނީ އެހީ ފޯރުކޮށްދުނުމުގައި ނުރައްކަލަށް ހުށަހެޅިދާނެ ތީ ކަމަށެވެ.

ނުސީރަތު ހަމަލާއާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގްރިފިތްސް ވިދާޅުވީ، ހަމަލާ ދިނުމުގައި ގޮނޑުދޮށް ނުވަތަ ފާލަމުން ނުކުންނަ މަގުތައް ބޭނުންކޮށްފައިވާކަން ފެނިއްޖެ ނަމަ އދ އިން ކަންބޮޑުވާނެ ކަމަށެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޕެޓް ރައިޑާ ވިދާޅުވީ ސަލާމަތްކުރި 4 ގައިދީން އިސްރާއީލަށް ފޮނުވާލަން ބޭނުންކޮށްފައިވަނީ ފާލަމުގެ ދެކުނުގެ ސަރަހައްދެއް ކަމަށެވެ.