"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނުގައި އެންމެހާ ދިވެހިން ބައިވެރި ވުމަކީ ވަރަށް ބޮޑު އެދުމެއް މަޖިލީހުގެ ރައީސް އަބްދުރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވަނީ މިއަދު އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

މި ޕޯސްޓުގައި އެމަނިކުފާނު ވިދާލުވެފައިވަނީ ފަލަސްތީނުގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ހިތާ އެންމެ ކައިރިން ވިންދު ޖަހާ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް މިއަދު ޕީ.އެސް.އެމް އިން ފެށި "ފަލަސްތިނާއެކު ދިވެހިން" ޓެލެތޯނުގައި ދިވެހި އެންމެހާ ރައްޔިތުން، ބައިވެރިވެ ވަޑައިގެން އެހީތެރިވެ ދެއްވުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

'ފަލަސްޠީނާއެކު ދިވެހީން'ގެ ނަމުގައި ބާއްވާ މި ޓެލެތޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ޕަބްލިކް ސަރވިސް މީޑިއާއިން އިސްވެއޮވެ، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޓެލެތޯނެކެވެ. މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.