"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނުގައި އެމްއެންޑީއެފުން ދެމިލިޔަނަށް ވިރެގިނަ ރުފިޔާގެ އެހީ ފަލަސްތީނަށް ހަދިޔާ ކޮށްފިއެވެ.

މިއަދުގެ 08:00 އިން މެންދަމު 00:00 އަށް ކުރިއަށް ގެންދާ މި ޓެލެތޯނުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވަނީ ޖުމްލަ 2,169,826.32 (ދެމިލިއަން އެއްލައްކަ ފަސްދޮޅަސް ނުވަހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ތިރީސް ދެލާރި) ރުފިޔާ، ފަލަސްތީނު ފަންޑަށް ހަދިޔާ ކޮށްފައެވެ.

ސިފައިންގެ ފަރާތުން ފައިސާގެ އެހީ އެ ފަންޑަށް ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، މިނިސްޓަރ އޮފް ޑިފެންސް، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡް މި ފައިސާ ހަދިޔާކުރުމުގެ އިވެންޓްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

'ފަލަސްޠީނާއެކު ދިވެހީން'ގެ ނަމުގައި ބާއްވާ މި ޓެލެތޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ޕަބްލިކް ސަރވިސް މީޑިއާއިން އިސްވެއޮވެ، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޓެލެތޯނެކެވެ. މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.