ލޭޏު މަސްވެރިކަމަށް ހުއްދަ ދީފައި ނުވާނެ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ މިއަދު ހަވީރު މަސްވެރިން ކުރަމުން އައި އިހްތިޖާޖަށް ވަޑައިގެންފައެވެ. މިނިސްޓަރު ވަނީ މަސްވެރިންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް އެންމެ ކުރީސަފުގައި ނިކުމެ އިހްތިޖާޖަށް ވަޑައިގަނެ، މަސްވެރިންނާއި މުހާތަބު ކޮށް ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން މިނިސްޓަރު ވިދާޅުވީ އެގޮތުން ލޭނު މަސްވެރިންކަމަށް ހުއްދަ ދީފައިނުވާނެކަަމަށާއި އަދި ސަރުކާރުން ދަނީ އެކަމާއިމެދު ވިސްނައި މަޝްވަރާތައް ކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެިއތުރުން މިނިސްޓަރު ވިދާޅުވީ އިހްތިޖާޖު ހުއްޓުވުމުގެ ބޭނުމުގައި ވަކި ގޮތަކަށް ވަކި ދުވަހެއްގައި ހައްލެއް ލިބިގެންދާނެކަމަށް ނުބުނާނަން ކަމަށެވެ.

މިއަދު ހަވީރު މަސްވެރިން ވަނީ އިހްތިޖާޖު ކުރުމަށް ރިޔާސީ ފާލަން ކުރިމައްޗަށް ދޯނިތަށް ހިފައިގެން ގޮސްފައެވެ. މި އިހްތިޖާޖުގައި 25 ވަރަކަށް މަސްދޯނި ވަނީ ބައިވެރިވެފައެވެ. އަދި މަސްވެރިން ވަނީ އަޑު ހަރުކޮށް އެމީހުން ކަންބޮޑުވުން ފާލު ކޮށްފައެވެ. މިގޮތުން މަސްވެރިން ވިދާޅުވީ މަހުގެ އަގު ނުދައްކާތާ ތިން ދައުރު ފާއިތުވެއްޖެކަމަށެވެ. އަދި މީގެއިތުރުން މަސްވެރިކަމުގެ ސިނާއަތުގެ ތެރެެއިން އައު މަސައްކަތްތައް ފެށުމާއި ގުޅޭގޮތުންވެސް އިހުތިޖާޖުގެ ބައިވެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

މަސްވެރިންގެ އިހުތިޖާޖާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއިން ތިބީ ތައްޔާރީ ހާލަތުގައިކަމަށްވާއިރު ބީއެމްއެލްގެ މެއިން ބްރާންޗާއި ހިސާބުން އެމްއެމްއޭ އާއި ހިސާބަށް އޮތީ ކޯނު ޖަަހައި ބަންދުކޮށްފައެވެ.

މިސަރަހައްދުގައި އެ ވަގުތު ސިފައިން ކިޓު އަޅައި ޝީލްޑުތައް ހިފައިގެން ތައްޔާރަށް ތިބިއިރު، އެތައް ފުލުހުންނެއް ވެގެން ސަރަހައްދަށް މީހުން ވަނުން ކޮންޓްރޯލް ކުރުމަށް މަސައްކަތްތައް ކުރަމުންދިޔައެވެ.