ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 67 ޕަސެންޓް ނިިމިއްޖެ ކަމަށް އެ މަސައްކަތް ކުރަމުންދާ ކަމަށް ކުންފުނި (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 28,393 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 30,480 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12,968 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނޭ ކަމަށެވެ.

އަދި 12,038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދުގެ ބޭސިން ފުންކުރުމާއި، 14,220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދުގެ ނެރު ފުންކުރުމާއި، 249 މީޓަރުގެ އެއްގަމުތޮށި ލުމާއި، 368 މީޓަރުގެ ބޭރުތޮށި ލުމާއި، 130 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 246 މީޓަރުގެ ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 1,990 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި އަދި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ސަރުކާރުން ހިންގާ މަޝްރޫއަކީ 73.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.