(3 ވަނަ ބައި)
ނަވާރަކީ ފާޒިލް ނުވެސް ދަންނަމީހެކޭ ބުންޏަސް އެކަމަށް ދައްކާނީ ކޮން ހެއްކެއްހެއްޔެވެ! ހިތަށް އައި އެތައް އެއްޗަކުން ނަވާރުގެ ގައިގާ ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން އައެވެ. އޭނާ އެ ކޮޓަރިއަކު ނުނިދާނެއެވެ.
"ދައްތާ!" ނަވާރު ދިޔައީ ސިއްސައިގެންނެވެ.
"އައިޝާ!" ނަވާރު ފަސް އެނބުރި ބަލައިލިއެވެ. އޭރު އެނދުގެ މެދުގައި ދެފައި ވަށްކޮށްލައިގެން ނިދި ބަރުޖެހިފައިވާ ދެލޯ އުނގުޅާލަ އުނގުޅާލާ އައިޝާ އިނެވެ. ނަވާރު ހިނގައިގަތީ އައިޝާއާ ދިމާއަށެވެ.
"ފެން ބޯން!" އައިޝާ ފެންބޮވައިގަތީއެވެ. އެ ކޮޓަރިއަށް ފެން ނުގަނެވޭހަނދާން ނަވާރަށް އައީ އެވަގުތުއެވެ. ކައިރީގައި ހުޅުވާފައި ހުރެދާނެ ކަމަށް ހީވާ ފިހާރައެއް ވެސް ހުރީކީ ނޫނެވެ. މިއީ ނަވާރަށް މުޅިން އާ ހިސާބުގަނޑަކަށް ވުމުން ފިކުުރު ބޮޑުވިއެވެ. ކޮންމެ ގޮތެއްވިޔަސް އައިޝާއަށް ފެންދޭން އޭނާ ޖެހޭނެއެވެ.
"ކޮއްކޮމެން ކޮޓަރީގައި ފެންހުންނާނެތަ!" ވިސްނާލުމަށްފަހު ނަވާރު ސުވާލުކުރީ އައިޝާއާ އެވެ. އައިޝާ ބޯޖަހައިލިއެވެ.
"ހިނގަ ފެންބޯން ދޯ!" ނަވާރު ކަނާތް ކުރިއަށްދަމާލާ އެކުއްޖާ ހިފަން އިނގިލި ދިއްކޮށްލިއެވެ. ނަވާރުގެ އަތުގެ އިނގިލީގަިއ ހިފަހައްޓަމުން އެކުއްޖާ އެނދުން ފައިބާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
އައިޝާ އުޅޭ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެކޮޓަރިއަށް ވަދެ ރަނގަޅަށް ތަންތަން ބަލައިލަން މިފަހަރު ނަވާރު ބޭނުންވިއެވެ. ފުރަތަމަ ވަންފަހަރަށްވުރެ މިފަހަރު ހުރީ ހާސްވުން ކުޑަވެފައިކަމަށް ވާތީއެެވެ. އެންމެ ފުރަތަމަ އެއްފަރާތުގައި ހުރި ތިން ކަބަޑެވެ. އެތާ ހުރީ ފެންކައްކާ ޖަގަކާ ބިއްލޫރި ޖަގަކާ ކާތައްޓާއި ސައިބޯ ތައްޓާއި ފެންބޯ ތިން ތައްޓެވެ. ދެން އުލާ ސަމުސާ ވެސް ހުއްޓެވެ. އެހެންކަބަޑެއްގައި ބިސްކޯދާ ކޯން ފްލެކްސްގެ ދެ ވައްތަރެއްގެ ދެ ޕެކެޓާ ދެ ވައްތަރެއްގެ ޖޫހާ ކޮފީ ފުޅިއަކާ ނުވަސަތޭކަ ގްރާމްގެ ކިރު ދަޅެއް ހުއްޓެވެ. އަދި އެއްކަބަޑުގައި މައިލޯޕެކެޓް ކޭހެއް ވެސް ހުއްޓެވެ. އަދި ޑޯނަޓް ޕެކެޓްތަކެއްވެސް ހުއްޓެވެ. ހީވާގޮތުން އެއީ އައިޝާގެ އިންޓަވަލް ސާމާނު ހުންނަ ކަބަޑެެވެ. ފުރަތަމަ އެކޮޓަރިން ނަވާރަށް ފާހަގަވި ތަރުތީބުކަން ކަބަޑުގައި އެއްޗެހި ބަހައްޓާފައި ހުރިގޮތުން ވެސް ފާހަގަ ކުރެވުނެވެ.
ދެން ނަވާރު ހިނގައިގަތީ އަލަމާރިއާ ދިމާއަށެވެ. ހީވާގޮތުން އެތާ ހުންނާނީ ފާޒިލްއާ އައިޝާގެ އަންނައުނެވެ. އާނއެކެވެ. އެތާ ހުރީ އެދެބަފައިންގެ އަންނައުނެވެ. ކޮނޑުގައި ތަރުތީބުން އަޅުވާފައި ހުރި ގަމީހާ ޓީޝާޓާ ޖިންސް ތަކެވެ. ދެން އޭގެ އިތުރުން އައިޝާގެ ޔުނިފޯމްތައް ވެސް ހުރީ އެހާ ތަރުތީބުން ބަހައްޓާފައެވެ. އަލަމާރީގެ އެއްފަޅީގައި އެ ދެބަފައިން އަރާ ބޫޓާއި ފައިވާން ވެސް ހުއްޓެވެ. ފާޒިލްގެ ހުރީ އިތުރު އެއް ފައިވާނާއި ހަވީރީ ބޫޓަކާއި ދެ ކުލައިގެ އޮފީސް ދެ ބޫޓެވެ.
"ހަގީގަތުގައިވެސް އޭނަ ބުނި ފަދައިން އޭނަ އެއީ ކުށެއް ނެތް މީހެއް ހެއްޔެވެ! ނުވަތަ ސިއްރު ސިއްރުން ޑްރަގު ޑީލްކުރާ މީހަކީހެއްޔެވެ! އަލަމާރީގައި ހުރި އަންނައުނަކީ ފެންވަރު ރަނގަޅު ކޮލިޓީ އެއްޗިއްސެވެ. ވީއިރު އެފެންވަރުގެ އެއްޗެހި އޭނާ އެ ގަންނނަީ ޑްރަގް ވިއްކައިގެން ލިބޭ ފައިސާއަށް ހެއްޔެވެ! ނަވާރު ވިސްނައިލިއެވެ. އޭނަގެ ބޮލުގެ އިސްތަށިގަނޑު ދިގެއްނޫނެވެ. ކުރެއްވެސް ނޫނެވެ. ކަރަކު ފަށެއް ނެތެވެ. ކަންފަތުގައިވެސް އެއްޗެއް ހުރިކަމަކަށް ފާހަގައެއް ނުކުރެވެއެވެ. އިނގިލީގައި އަނގޮޓި ހުރިހެއްޔެވެ! ނަވާރު ހަނދާނަށް ބާރުލިއެވެ. ހެދުން އަޅައިގެން ހުރިގޮތުން ސްމާޓް ގޮތެއް ހުއްޓެވެ.
ނަވާރު ދެއަތަކަށް ބޯހޫރައިލިއެވެ. "ދެން އަހަންނަކަށް ނޭނގެ!" އަލަމާރީގެ ތިންވަނަ ދޮރުފަތްވެސް ނަވާރު ހުޅުވައިލިއެވެ. އެތާގައި ހުރީ ބާލީސްތަކަކާ ބެޑްޝީޓްތަކާ ބެޑްކަވަރެކެވެ. އެކަމަކު ތަޅުލާފައި ހުރި ވަށްގަނޑެއް އިތުރަށް ހުއްޓެވެ.
ކުއްލިއަކަށް ނަވާރު ސިއްސައިގެން ދިޔައީ މީހަކު އެ ކޮޓަރީގައި ދެ ފަހަރަކު ޓަކި ޖަހައިލި އަޑު އިވުމުންނެވެ. ނަވާރުގެ މޭގަނޑު ހީވީ އަނގައަށް އައި ހެންނެވެ. އެވަގުތު އައިޝާ ނަވާރަށް ބަލައިލުމަށްފަހު ކޮޓަރީގެ ދޮރާ ދިމާއަށް ދުއްވައިގަތެވެ. ނަވާރު އަތް އެއްލާ އައިޝާގެ އަތުގައި ހިފާ މަޑުކުރުވިއެވެ. އަދި ދެ ތުންފަތް ހުރަސްކޮށް އިނގިލި ޖައްސައިލުމުން އައިޝާއަށް އެ ބުނިއެއްޗެއް ފަހުމުވީކަންނޭނގެއެވެ. އަޑެއްވެސް ލައްވައި ނުލާ ނަވާރުގެ އަތުތެރޭ މަޑުން ހުއްޓެވެ. ދޮރު ނުހުޅުވީމައިކަންނޭނގެއެވެ. ދެން އިވުނީ ފާޒިލްގެ ނަމުން އަންހެނަކު ގޮވާ އަޑެެވެ. ފަހަރެއްގައި އެއީ ފާޒިލްގެ އަންހެނުންނަށް ވެސް ވެދާނެ އެވެ. އެހެންކަމަށް ވަންޏާ އޭނާ އަތުގައި ކޮޓަރީގެ ތަޅުދަނޑި އޮންނާނެއެވެ. ނަވާރުގެ މޫނުން އޮށްދާހިއްލާ މީހާ ހާސްވެއްޖެއެވެ. އެކަމަކު ދޮރު ހުޅުވައިނުލާ އެނބުރި އޭނަ ދިޔަ އަޑު އިވުމުން ނޭވާ ހަމައަކަށް އެޅި ހާސްކަން ކުޑަވެއްޖެއެވެ. އެއީކާކުހެއްޔެވެ! އެއީ ފާޒިލްގެ ލޯބިވެރިޔާ ހެއްޔެވެ! ނަވާރަކަށް ނޭނގެއެވެ. އެނގޭކަމަކީ އެކޮޓަރީގައި ނަވާރު ހުރުން ރައްކާތެރި ނޫންކަމެވެ.
"އައިޝާ، އަހަރެމެން ނިދާނީ ދައްތަގެ ކޮޓަރީގަ ދޯ! އެ ކޮޓަރި މާފަސޭހަނު!" ނަވާރު ބޭނުންވީ އައިޝާ ހައްލައިލާގެން ނަމަވެސް އެކޮޓަރިން އަވަހަށް ބޭރުވުމެވެ. އެހެންކަމުން އައިޝާގެ ބައެއް އަންނައުނާ ބޭނުންވާނެ ބައެއް އެހެން ސާމާން ހިފައިގެން އެކޮޓަރިން ބޭރަށް ނިކުމެ ރަނގަޅަށް ތަޅުލިއެވެ. އެއަށްފަހު އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ލިފްޓަށް ވަދެއްޖެއެވެ.
ޖެހިގެން އައި ދުވަހެވެ. އެއީ ހުކުރު ދުވަހެވެ. ކުރީ ރޭ ވެސް އައިޝާ ނިންދަވަން ވެގެން ދަތް އުގުޅުވަން ބެލި އިރު އައިޝާގެ ބުރުހެއް ނުގެނެވެއެވެ. އެހެންކަމުން ނަވާރު ތެދުވިއިރު އަދި އައިޝާ ހޭނުލާތީ ބޭނުންވީ އައިޝާ ހޭލަންވާއިރަށް އެ ކޮޓަރިއަށް ގޮސް އައިޝާގެ ބުރުސް ގެނައުމަށެވެ. ނަވާރު ނެތީސް އައިޝާ ހޭލައިފިއްޔާ ވަރަށް ކަންބޮޑުވާނެކަން އެނގޭތީ ބޭނުންވީ ވީހައިވެސް އަވަހަކަށް ގޮސްފައި އެނބުރި އައުމަށެވެ.
ނަވާރު ކޮޓަރިން ނިކުމެ ތަޅުލުމަށްފަހު ތަޅުދަނޑި ހިފައިގެން ހިނގައިގަތީ ފާޒިލްގެ ކޮޓަރިއަށް ދިއުމަށް ދެވަނަ ފަންގެފިލާއާ ދިމާއަށެވެ. ލިފްޓުން ނިކުތުމަށްފަހު އެއްވެސް އެެހެން ކޮޓަރިއަކުން މީހަކު ނުކުތުމުގެ ކުރިން ބާރަށް ހިނގާލާފަ ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ނަވާރުގެ ދެލޯ ބޮޑުވެގެން އައެވެ. ކޮޓަރި މިހިރީ އެ ފުށް މިފުށަށް ޖަހާފައެވެ. ކޮޓަރީގައި ހުރި ދެ އެނދުގެ ގޮދަޑިވެސް އޮތީ އޮންނާނެ ގޮތަކަށެވެ. އަމުދުން ބެޑްޝީޓެއް އެނދަކު ނުވެސް ނެތެވެ. ތަޅުންމައްޗަށް އުކާލާފައިހުރި ބާލިސްތަކަށާ ބެޑްޝީޓްތަކަށް ނަވާރު ބަލަން ހުރީ ބިރުވެރި ނަޒަރަކުންނެވެ. ރޭގައި އެ ކޮޓަރީގައި ނިދަން ނޯވެވުނުކަމަށްޓަކައި ނަވާރު ޝުކުރުވެރިވިއެވެ. އެހެންނޫންނަމަ އޭނަގެ ހާލަކީ ކޮބައިހެއްޔެވެ! ވިސްނުމަކަށް ގެއްލިފައި ހުރި ނަވާރަށް ތެޅިގަނެވުނެވެ. އެކޮޓަރީގެ ތަޅުދަނޑި ކިތައް މީހުން އަތުގައި އޮންނާނެބާވައެވެ. އެ ތަކެތި ވިއްކާ ބޭނުންކުރަން އަންނަ ކޮންމެ މީހެއްގެ އަތުގައި ތަޅުދަނޑިއެއް އޮންނާނެބާވައެވެ. ނަވާރުގެ ހިތުގައި ބިރުވެރިކަން ހިނގައިލީ އިންތިހާއަށެވެ. ދުވެލާފަ ގޮސް ފާޚާނާގެ ހުޅުވާފައި ހުރި ދޮރުން އެތެރެއަށް ބޯދިއްކޮށްލުމަށްފަހު އަތް އެއްލާ އައިޝާގެ ދަތްއުނގުޅާ ބުރުސްހެން ހީވި ބުރުސް ހިފައިގެން ނަވާރު ދުވެފައި ދިޔައީ ކޮޓަރީގެ ދޮރާ ދިމާއަށެވެ. ބޭނުންވީ އެ ކޮޓަރިއަށް ޕާޓޭންތައް އައިސް ވަނުމުގެ ކުރިން ކޮޓަރިން ނިކުމެ ރައްކާތެރިވެވޭތޯ ބެލުމެވެ. އޭރު ނަވާރުގެ މޭ ނެގި ނެގިފައި ޖެހެއެވެ. ބިރުންނެވެ. ލިފްޓަށްވަދެ ދޮރު ލެއްޕުމުން ނަވާރަށް މޭގައި އަތް އަޅައިލެވި ހަމަ ނޭވާ ލެވުނެވެ. ރާއްޖެއިން ބޭރުގައި ހަތްވަރަކަށް އަހަރު ހޭދަކުރިއިރު ވެސް މިވަރުގެ ކަމަކާ ނަވާރަކަށް ދިމައެއް ނުވެއެވެ.
ހުކުރު ދުވަހަށް ވިޔަސް ބައެއް ފިހާރަތައް ހުޅުވާނެކަން އެނގޭތީ ނަވާރު ބޭނުންވީ ބައެއް އެއްޗެހި ގަތުމަށް ބޭރަށް ނިކުމެލުމަށެވެ. އެހެންކަމުން އައިޝާއަށް ކޯންފްލެކްސް ތައްޓެއް ހަދައިދިނުމަށްފަހު ފިހާރައަށް ގޮސްފައި އަންނަން ދެން ރީތިކޮށް ކުލަޖައްސަން އިނުމަށް ނަވާރު ބުންޏެވެ. އެކަމަކު އައިޝާ ވެސް ބޭނުންވީ ނަވާރާ އެއްކޮށް ދިއުމަށެވެ. އެއްގޮތަކަށް ވެސް ކޮޓަރީގައި މަޑުކުރާކަށް އައިޝާ ބޭނުމެއް ނުވިއެވެ. ފަހަރެއްގައި ދަނީ ފިހާރައަށް ކަމަށް ނުބުނެވުނު ނަމަަ އައިޝާ ހުރީސްކަންނޭނގެއެވެ. ކުރެވުނު މޮޔަކަން ހިތަށް އެރުމުން ދާ ވަކި ތަނެއް ނުބުނެވުނު ނަމައޭ ނަވާރުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭރު އޮތީ ވަގުތު ފާއިތުވެފައެވެ.
އައިޝާ ނިމުމުން ނަވާރު ނިކުތީ އައިޝާ ގޮވައިގެން ފިހާރަައަށް ދިއުމަށެވެ. ލިފްޓަށް ވަދެ ގްރައުންޑް ފްލޯއަށް ފިތާލުމުން ލިފްޓް އޭގެ މަންޒިލަށް ދަތުރު ފަށައިފިއެވެ. އެހެންނަމަވެސް ލިފްޓަށް ޖެހުނީ ދެވަނަ ފަންގިފިލާއަށް މަޑުކުރުމަށެވެ. ނަވާރުގެ މޭގަނޑު ފިނިވެގެން އައެވެ. ލިފްޓަށް ވަންނާނީ ކާކުކަން ނޭނގޭތީއެވެ. އެހެންކަމުން ލިފްޓް ހުޅުވި މީހަކު އެތެރެއަށް ވަނުމުގެ ކުރިން އައިޝާ ގެނެސް އަރިމަތީ ބެހެއްޓުމަށްފަހު ނަވާރު އައިޝާގެ ކުރިމަތީ ހުއްޓިލިއެވެ.
ލިފްޓަށް އެރި ޒުވާން އަންހެންކުއްޖާއަށް ނަވާރު ބަލައިލިއެވެ. އެންމެ ޒަމާނީގޮތަށް ހެދުން އަޅާފައިވާ ރީތިކުއްޖެކެވެ. ބޮލުގެ އިސްތަށިގަނޑު ފުދޭވަރަކަށް ބުޅިއެވެ. އިސްތަށިގަނޑުގެ އެކިތަންތާ ހައިލައިޓްކޮށް ރަންކުލަ ޖައްސާފައިވެއެވެ. ލާފައިވަނީ ކުރު ޓޮޕްކޮޅަކާ އެންމެ ޒަމާނީ ޖިންސެކެވެ. ނަވާރަށް ހިނިތުންވުމެއް ދެމުން އެކުއްޖާ ލިފްޓްގައި ހަމަޖެހިލިއެވެ. ނަވާރު މާބޮޑު ސަމާލުކަމެއް ދޭކަން އެކުއްޖާއަށް ފާހަގަ ވާކަށް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ވަށްކަޅިން އެކުއްޖާއަށް ދެފަހަރަކު ބަލައިލެވުނެވެ.
"އަހަނ! މީކޮންކުއްޖެއް! އައިޝާ ބޭބީ!" ނަވާރުގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ބޭއިޚުތިޔާރުގައި އައިޝާގެ ގައިގާ ވަށައިގެން ހިފަހައްޓައިލެވުނެވެ. އަދި ގަޔާ ކައިރިކޮށްލެވުނެވެ.
"ކޮބާތަ ބައްޕަ އައިޝާ، އެ ރޫމަށް ވެސް ދެފަހަރަކު ދެވިއްޖެ ތަޅުލާފަ ހުންނަނީ!" އައިޝާ ބަލައިލީ ނަވާރުގެ މޫނަށެވެ. އަނގައަކުން ނުބުނެއެވެ.
އެ ހިސާބުން އެ އަންހެންކުއްޖާ ވެސް ނަވާރުގެ މޫނަށް ބަލައިލިއެވެ. އަދި އައިޝާގެ މޫނަށް ބަލައިލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އެހެންނަމަވެސް މި ފަހަރު އޭނަ މުޚާޠަބުކުރީ ނަވާރާއެވެ.
"ތިއީ އައިޝާގެ މަންމަތަ!"
"ހަމްމް، ނޫން، ނޫން!" ނަވާރަށް ޖަވާބު ދެވުނީ ވަރަށް އުދަނގުލުންނެވެ.
"އަހަރެން ދިޔައިރު އެ ރޫމް ލޮކް ކޮށްފަހުރީ! ފާޒިލް ބުނެގެން އެއްބަސް ވުމުގަ ސޮއެކުރަން...!" އެވަގުތު ލިފްޓް އޭގެ މަންޒިލަށް މަޑުކޮށްލަނީއެވެ. ލިފްޓްގެ ދޮރުހުޅުވެންދެން ވެސް އިންތިޒާރުކުރުން ނަވާރަށްވީ އެތައް މިނިޓެއްގެ އިންތިޒާރަކަށެވެ. އެ ކުއްޖާއަށްވުރެ ކުރިން ދެމިގަނެގެން ނަވާރު އައިޝާ އަތުގައި ހިފައިގެންދާ މަންޒަރު ބަލަން އެ އަންހެންކުއްޖާ ޔަގީނުންވެސް ހުރިކަން ނަވާރަށް އެނގެއެވެ. އެހެންވިޔަސް އަވަސް ފިޔަވަޅުތަކެއް އަޅަމުން ނަވާރު އެތައް ދުރަކަށް ހިނގިއެވެ. ނަވާރު ހިނގާވަރަށް އައިޝާއަށް ނުހިނގޭކަން ނަވާރަށް އެނގުނީވެސް އެތައް ހިސާބަކަށް ހިނގިފަހުންނެވެ.
ހުކުރު ދުވަހަށް ފަހު ހޮނިހިރު ދުވަސްވެސް ފަސްދީ ހިނގައްޖެއެވެ. އާދީއްތަ ދުވަހު އަނެއްކާވެސް ނަވާރަށް ކުރިމަތިލާން ޖެހުނީ އަނެއް ގޮންޖެހުމާއެވެ. ހެނދުނު ތެދުވީއްސުރެ އައިޝާ ތައްޔާރުވަމުން ދިޔައީ ސްކޫލަށް ދިއުމަށެވެ. ޔުނިފޯމްގެ ބެޖުން ކޮން ޔުނިފޯމެއްކަން ނަވާރަށް އެނގުނެވެ. އެހެންނަމަވެސް އައިޝާ ދާންޖެހެނީ ކޮން ގަޑިއަކަށް ކަމެއް ނަވާރަށް ނޭނގޭތީ އައިޝާއާ ސުވާލުކުރިއެވެ.
"އައިޝާ، ކޮން އިރަކު ސްކޫލަށް ދަނީ!" ނަވާރު އިނީ އެ ތުއްތުކުއްޖާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
"ބައްޕަ އައިޝާ ބަލާއަންނަނީ ޓެން އަ ކްލޮކް ގަ!"
"އެހެންތަ!... ދެން އައިޝާ ދަނީ ބައްޕައާއެކު ހިނގާފަތަ!" އައިޝާގެ މޫނަށް ފަރުވާތެރިކަމާއެކު ނަވާރު ބަލަން އިނެވެ.
"ބައްޕައާ އައިޝާ ދަނީ ސައިކުގަ!"
ނަވާރު ގަޑިއަށް ބަލައިލިއެވެ. ނުވައެއް ޖަހަނީއެވެ.
'އައިޝާ ފެންވަރުވަނީ ކާކު!" ނަވާރު ބޭނުންވީ ފާޒިލްގެ އިޚުލާސްތެރިކަން އަމިއްލަ ދަރިފުޅާމެދު ހުރިވަރެއް ބަަލައިލުމެވެ. އެވަރު ކުޑަކުއްޖަކު ދޮގެއް ނަހަދާނެއެވެ.
ވ އިންޓްރެސްޓިންގ
ހެހހެހެެ ލަވް އިނގޭ