ށ. ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރާ ބިދޭސީ މުދައްރިސުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ސެޝަނަކީ ށ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރާ ބިދޭސީ މުދައްރިސުން, ރާއްޖޭގައި އާއްމުވެފައިވާ ސްކޭމް ކޯލުތަކުން ރައްކާތެރިކޮށް ހޭލުންތެރި ކުރުމަށް ބޭއްވި ސެޝަނެކެވެ.

މި މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވަނީ, މީސްމީޑިއާގައި މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓްގެ މައުލޫމާތު ފަދަ މުހިއްމު މައުލޫމާތުތައް އެހެން މީހުންނާ ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

އޭގެ އިތުރުން, ސޯޝަލް މީޑިއާ އައިޑީތައް ހެކްކޮށް ތިމާގެ މީހުންނާއި ރައްޓެހިންނަށް މެސެޖްކޮށް ފައިސާއަށް އެދެމުން ދާ މައްސަލަތައް ގިނަވެފައިވާތީ, މި ކަމާ ބެހޭ ގޮތުން ވަނީ މި ސެޝަނުގައި ބިދޭސީ މުދައްރިސުންނަށް މައުލޫމާތު ދީފައެވެ.

ފޯނަށް އަންނަ އޯޓީޕީ ކޯޑުތައް ހިއްސާނުކުރުމަށާއި ސަކޭމަ ކޯލުތަކަށް ޖަވާބު ނުދިނުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. މި ކަހަލަ ސްކޭމްއެއްގެ ޝިކާރައަކަށް ވެއްޖެ ނަމަ އަވަހަށް ފުލުހުންނަށް މައްސަލަ ހުށައަޅާ އެހީއަށް އެދުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

މީސްމީޑިއާގައި މަކަރާ ހީލަތުގެ މައްސަލަތައް ގިނަވަމުން އަންނާތީ, ފުލުހުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކަހަލަ ކުށްތަކާ ބެހޭ ގޮތުން ރައްޔިތުން އަހުލުވެރިކޮށް, ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުންނެވެ.