ކެރިއަރު ނިންމާލާނީ އިންޓާ މިއާމީގައި ކަމަށް ސުޕާސްޓާ ލިއޮނަލް މެސީ ހާމަކޮށްފިއެވެ.

އީއެސްޕީއެންއަށް ދިން ބަސްދީގަތުމެއްގައި ވާހަކަދައްކަމުން މެސީ ހާމަކުރި ގޮތުގައި އެނބުރި ޔޫރަޕުގެ ކްލަބަކަށް ނުވަތަ އޭނާގެ އުފަން ގައުމު, އާޖެންޓީނާގެ ކްލަބަކަށް ދިއުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެއެވެ. އޭނާގެ ވިސްނުން މި ވަގުތު ހުރީ, އެމްއެލްއެސްގައި އިންޓާ މިއާމީގައި ކުޅުމަށްފަހު އޭނާގެ ކެރިއަރު ނިންމާލަން ކަމަށް މެސީ ވަނީ ހާމަކޮށްފައެވެ.

"އަހަރެންގެ ކެރިއަރުގެ އެންމެ ފަހު ކްލަބަކީ އިންޓާ މިއާމީ. އަހަރެން މުޅި ހަޔާތް މި ހޭދަކުރީ ފުޓުބޯޅަ ކުޅުމުގައި. ކެރިއަރު ނިންމާލާ ދުވަސް ކުޑަތަންވާ ކަން އިހުސާސްވާތީ ވަރަށް ހިތްދަތިވޭ" އިންޓާ މިއާމީގައި ރިޓައާވާނެ ކަން ހާމަކުރަމުން މެސީ ބުންޏެވެ.

ފުޓުބޯޅަައިގެ ތާރީހުގައި ރަން އަކުރުން ފަވާލެވިފައިވާ މެސީ ޕީއެސްޖީ ދޫކޮށް އިންޓާ މިއާމީއާ ގުޅުނީ މި ދިޔަ އަހަރުއެވެ. މެސީ އިންޓާ މިއާމީއަށް ގުޅުމާއެކު ގިނަ ބަޔަކު އަންނަނީ, މެސީ ރިޓަޔާވުމަށް ތައްޔާރު ވަނީ ކަމަށް ލަފާކުރަމުންނެވެ.

މެސީ މި ވަގުތު ހުރީ އާޖެންޓީންގެ ގައުމީ ޓީމާއެކު ކޮޕާ އެމެރިކާގެ ފަރިތަކުރުން ތަކުގައެވެ. މެސީގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ދެ އަހަރަށް ކޮޕާ އެމެރިކާ ހިއްލާލުމުގެ އުއްމީދުގައި ނިކުންނަ އާޖެންޓީނާގެ ފުރަތަމަ މެޗު އޮތީ 21 ޖޫން ވާ ދުވަހު ކެނެޑާއާ ދެކޮޅަށެވެ.