އޭޝިއަން ވޯލްޑް ކަޕް ކޮލިފައިން ތިންވަނަ ބުރުގެ ގުރުއަތު ނެގުން ޖޫން މަހުގެ 27 ވަނަ ދުވަހަށް ތާވަލު ކޮށްފިއެވެ.

ތިންވަނަ ބުރަށް ދަތުރު ކުރި 18 ޓީމުތަކުގެ މެދުގައި ނެގޭ މި ގުރުއަތް އޮންނަނީ މެލޭޝިއާގެ ކުއަލާ ލަމްޕާގެ އޭއެފްސީ ހައުސްގައެވެ. 18 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ކޮލިފައިއާސްގެ ތިންވަނަ ބުރުން ވޯލްޑް ކަޕުގެ ޖާގަ ލިބިގެންދާނީ އެންމެ އަށް ޓީމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިއާސްގެ ތިންވަނަ ބުރަށް މުޅިން އަލަށް ތިން ޓީމެއް ވަނީ ދަތުރުކޮށްފައެވެ. އެއީ އިންޑޮނޭޝިއާ, ކިޒިކިސްތާނު އަދި ފަލަސްތީނެވެ. އޭޝިއަން ވޯލްޑް ކަޕް ކޮލިފައިއާސްގެ ތިންވަނަ ބުރަށް ދަތުރުކުރީ, ކޮލިފައިންގެ ދެވަނަ ބުރުގައި ގްރޫޕު ސްޓޭޖުގެ އެއްވަނަ އަދި ދެވަނަ ހޯދި ޓީމުތަކެވެ.

11 ޖޫންގައި ނިންމާލި އޭޝިއަން ވޯލްޑް ކަޕް ކޮލިފައިއާސްގެ ދެވަނަ ބުރުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަވައްޓެރި އިންޑިއާއަށް ކޮލިފައިއާސްގެ ތިންވަނަ ބުރުގެ ޖާގަ ނުލިބުން ކަމެވެ. އުއްމީދާއެކު ވަރުގަދަ ކުޅުމެއް ދައްކަމުން ދިޔަ އިންޑިއާ ގްރޫޕު ސްޓޭޖުގެ އެންމެ ފަހު މެޗުގައި ގަތަރާ ބައްދަލު ކުރި އިރު, އެ މެޗުގައި ރެފްރީއަށް ހެދުނު ގޯހެއްގެ ސަބަބުން އިންޑިއާ ވަނީ ގަތަރު އަތުން ބަލިވެ, ގްރޫޕު "އޭ" ގެ ތިންވަނައިގައި ނިންމާލަން ޖެހިފައެވެ.

އޭޝިއަން ވޯލްޑް ކަޕް ކޮލިފައިއާސްގެ ތިން ވަނަ ބުރުން ޖާގަ ނުލިބުނު 18 ޓީމުން ދެން ސަމާލުކަން އަނބުރާލާނީ 2027 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގެ ތިންވަނަ ބުރަށެވެ.