ވަޒީރުންގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު "ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ 2023-2028" ނިންމަވައިފިއެވެ.
މި ސަރުކާރުގެ ފަސް އަހަރު ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، "ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ 2023-2028" ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް މިއަދު ވަނީ ނިންމަވާފައެވެ. ރައީސް މި ނިންމުން ނިންމެވީ ރައީށް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާއަކީ، އެއިރެއްގައި ވެރިކަމަށް އަންނަ ސަރުކާރަކުން، އެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ފުރިހަމަކުރާނެ ކަމަށް ބަޔާންކޮށްފައިވާ ވަޢުދުތަކާއި ކުރިއަށް ގެންދަން ނިންމާފައިވާ އިޞްލާޙީ މަސައްކަތްތަކާ ގުޅިގެން އަދި ދައުލަތް ހިންގުން ހަރުދަނާކުރުމަށާއި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ކުރިއެރުމަށްޓަކައި އެންމެ އިސްކަމެއްދީގެން ތަޢާރުފުކުރަން ނިންމާ ޤާނޫނުތަކާ ގުޅޭ ބިލުތައް އަންގައިދޭ އެޖެންޑާއެކެވެ.
ލެޖިސްލެޓިވް އެޖެންޑާގައި 15 މައުޟޫޢުއަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވެއެވެ. އޭގެތެރޭގައި މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ޤާނޫނަކާގުޅޭ ބިލާއި، މިހާރު ޢަމަލުކުރެވޭ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި ހުށަހަޅަން ޤަޞްދުކުރާ 135 ބިލެއް ހިމެނެއެވެ.