ހިޔާ ފްލެޓް އެޕާޓުމެންޓެއްގައި ރަހީނު ކުރުމުގެ މައްސަލައެއްގެ ތަހުގީގު ފަށައިފައިވާ ކަމަށް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދޤާޅުވެއްޖެއެވެ.
ޝުއައިބު މިފަދައިން ވިދާޅުވީ މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެމުންނެވެ. ޝުއައިބު ވިދާޅުވީ މަކަރާ ހީލަތުން ހިޔާ ފްލެޓުގެ H5-03-18 އެޕާޓްމަންޓަށް މީހުން ގެންގޮސް އެމީހުން ގަދަކަމުން ބަރަހަނާކޮށް، ވިޑިއޯކޮށް ބްލެކްމެއިލް ކޮށްގެން އެމީހުންގެ އަތުން ފައިސާ ނަގަމުންދާ ކަމަށެވެ. އަދި އެމީހުންގެ އަތުން މޯބައިލް ފޯނުފަދަ ތަކެތި ފޭރިގަނެފައިވާ ކަމަށް ވެސް ޝުއަބު ވިދާޅުވިއެވެ. މިގޮތުން މިހާތަނަށް ފުލުހުންނަށް 5 މައްސަލައެއް ހުޅުމާލެ ފޭސް 2ގެ ޕޮލިސް ސްޓޭޝަނަށް ހުށައަޅާފައިވެއެވެ.
މިގޮތުން ޖެނުއަރީ މަހުގައި 1 މައްސަލަ، އޭޕްރީލް މަހުގައި 3 މައްސަލަ އަދި މޭ މަހުގައި 1 މައްސަލަ ހުށައެޅިފައިވާ ކަމަށްވެއެވެ. އަދި މީގެއިތުރުން މި އެޕާޓްމެންޓާއި ގުޅުން ހުރި މިބާވަތު މައްސަލަތަށް ފުލުހުންނަށް ރިޕޯޓު ނުކުރާ މައްސަލަތަށް ވެސް ވާ ކަމަށް ޝުއައިބު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކުށްތަން ހިންގުމުގެ ކުރިން ފުލުހުންގެ ތެރެއިންނާއި އަދި އާންމުރައްޔިތުންގެ ތެރެއިން ވެސް މިކަން ހުއްޓުވާފައިވާކަން ވެސް ޝުއަބު ވަނީ ފާހަގަ ކުރައްވާފައެވެ.
މިގޮތުން މި ބާވަތުގެ މައްސަލަތަށް އިތުރުވާތީއާއި، އަދި މިކަހަލަ ކުއްތަށް ދުރާލައި ރާވައިގެން ކުރާކަން ފުލުހުންނަށް ފާހަގަ ކުރެވިފައިވާތީ ފުލުހުން މިހާރު މި މައްސަލަ ތަހުގީގު ކުރަމުން ދަނީ އޯގަނައިޒްޑް ކްރައިމްއެއްގެ ގޮތުގައެވެ. އަދި ހިޔާ ފްލެޓުގެ H5-03-18 އެޕާޓްމަންޓުގައި ދިރިއުޅޭ ބަޔަކާއި އެތަނަށް ވަދެ ނިކުމެ އުޅޭ ބަޔާކައި ގުޅިގެން މިކަހަލަ ކިތަންމެ ކުށެއް ކުރަމުން އަންނަ ކަން ފުލުހުންނަށް ވަނީ ފާހަގަވެފައެވެ. މިގޮތުން މި އެޕާޓްމަންޓުގައި ހަށިވިއްކުމާއި، ބްލެކްމެއިލް ކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކިތަންމެ ކަމެއް ވަނީ ފުލުހުންގެ ސަމަލާކުކަމަށް އައިސްފައެވެ. އަދި މި ކުށްތަކުގައި ބައިވެރިވެފައިވަނީ ތަފާތު ކުށުގެ ރެކޯޑުތަށް ވާ މީހުން ކަމަށް ވެސް ޝުއައިބު ވިދާޅުވިއެވެ.