ޔޫރޯގެ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑު އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ޖަރުމަނު މޮޅުވެއްޖެއެވެ.

އެލިއަންޒް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަރުމަނުގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. އެ ގޮތުން މެޗު ފެށިގެން ފުރަތަމަ 10 މިނެޓު ތެރޭގައި ޖަރުމަނު ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަޔާ ލެވަކޫސަންއަށް ކުޅެމުން އަންނަ ފްލޯރިއަން ވާޓްޒްއެވެ. އޭގެ ނުވަ މިނެޓު ފަހުން ބަޔާން މިއުނިކްގެ އަރަމުން އަންނަ ޒުވާން ތަރި, ޖަމާލް މުސިއާލާ ވަނީ ލަނޑު ޖަހާ, ޖަރުމަނުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.

މެޗުގެ ފުރަތަމަ 19 މިނެޓު ތެރޭ ދެ ގޯލު ބައިކޮޅަށް ވަތް ސްކޮޓްލޭންޑަށް ކަންކަން ގޯހުން ގޯހަށް ދިޔައީ މެޗުގެ 44 ވަނަ މިނެޓުގައި, އެ ޓީމުގެ ޑިފެންޑަރު ރަޔަން ޕޯޓިއުސް, ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދެއްކުމުންނެވެ. ޕޯޓިއުސް ކުރި ފައުލުން ލިބުނު ޕެނަލްޓީ, އާސެނަލްގެ ކައި ހަވާޓްޒް ވަނީ ގޯލުގެ ތެރެއަށް ވައްދާލައި ޖަރުމަނުގެ ލީޑު ތިން ގޯލަށް ފުޅާކޮށްފައެވެ.

ސްކޮޓްލޭންޑު, އެއް ކުޅުންތެރިޔަކު މަދުން ކުޅެމުންދާ ކަމުގެ ފައިދާ ނަގައި ޖަރުމަނުން ވަނީ ދެވަނަ ހާފުގައި ގޯލެއް ޖެހުމަށް އެތައް ފުރުސަތެއް އުފައްދާފައެވެ. އެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ނިކްލަސް ފޫލްކްރޫގް ވަނީ ލަނޑު ޖަހާ ޖަރުމަނުގެ ލީޑު ހަތަރު ގޯލަށް ޖައްސާލާފައެވެ.

ސްކޮޓްލޭންޑަށް މެޗުގައި ސުން ކަނޑާލެވުނީ 87 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމުގެ ކެޕްޓަން, އޭންޑްރޫ ރޮބާޓްސަން ނަގައިދިން ހުރަހަކުން ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއަށް ހެދުނު ގޯހަކުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑެކެވެ.

މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޖަރުމަނުން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހާފައެވެ. މި ލަނޑަކީ, ތޯމަސް މުލާ ފަހިކޮށްދިން ފުރުސަތަކުން އެމްރީ ޗޭން ކާމިޔާބު ކުރި ލަނޑެކެވެ. ޗޭންގެ ލަނޑާއެކު ޖަރުމަނުން ވަނީ ފެންވަރުގައި ސްކޮޓްލޭންޑު ބަލިކޮށް, މުބާރާތުގެ ފުރަތަމަ މޮޅު ހާސިލުކޮށްފައެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޖަރުމަނު ގްރޫޕު "އޭ" ގެ އެއްވަނައަށް ޖެހިލިއިރު, މެޗުން ބަލިވި ސްކޮޓްލޭންޑު އޮތީ ވަގުތީ ގޮތުން ތާވަލުގެ ފުލުގައެވެ.

ގްރޫޕު "އޭ" ގައި ދެން އޮންނާނީ ސްވިޓްޒަލޭންޑާއި ހަންގޭރީ ބައްދަލު ކުރާ މެޗެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު 18:00 ގައެވެ.